
ރެއާލް މެޑްރިޑަށް މޮޅުނުވެވުމުގެ ފައިދާ ނަގާ އެތްލެޓިކޯއިން ތާވަލްގެ އެއްވަނައަށް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑް 1-2 ން ރެއާލް ބެޓިސްގެ އަތްދަށުވެފައިވަނިކޮށް, އެތްލެޓިކޯ މެޑްރިޑުން 1-0 އެތްލެޓިކޯ ބިލްބާއޯގެ މައްޗަށް ކުރިހޯދާ ތާވަލްގެ އެއްވަނަ މަޤާމަށް ޖެހިލައިފިއެވެ.
މި ނަތީޖާ ތަކާއާއެކު ޑިއެގޯ ސިމިއޯނީގެ ކްލަބުން ވަނީ ވާދަވެރި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލާ 26 މެޗުން 56 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. ހަމަ އެ އަދަދަށް މެޗުކުޅެ, ރޭ ބެޓިސް އަތުން ބަލިވެ 54 ޕޮއިންޓާއެކު ރެއާލަށް ލިބެނީ ތާވަލްގެ ތިންވަނައެވެ. 25 މެޗުން 54 ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް ބާސެލޯނާ މިއަދު ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ނިކުންނާނެއެވެ. އެހެންކަމުން އެތްލެޓިކޯގެ މި ކާމިޔާބީ މިގޮތުގައި ދެމިއޮތުން ބިނާވާނީ ބާސެލޯނާ އިން ނެރޭ ނަތީޖާއެއްގެ މައްޗަށް ބިނާކޮށެވެ.
އެތްލެޓިކޯ މެޑްރިޑާއި އެތްލެޓިކޯ ބިލްބާއޯ ބައްދަލުކުރި މެޗުގެ ހަމައެކަނި ގޯލް މެޗުގެ 66 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީގެ ކުރީގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. މިއީ މިސީޒަނުގައި އޭނާ އެތްލެޓިކޯއަށް ކާމިޔާބުކޮށްދިން 10 ވަނަ ލީގު ގޯލެވެ. ބޯޅަ ހިފައިގެން ރެއާލްގް ޑިފެންސްގެ ތެރެއަށް ވަދެ މާކޮސް ލޮރެންޓޭއަށް ޖައްސާލުމަށްފަހު ލޮރެންޓޭ ނަގައިދިން ޕާސް އަލްވަރޭޒްވަނީ އިތުބާރާއެކު ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގައި ބިލްބާއޯއަށް ނަތީޖާ އެއްވަރުކުރާނެ ރަނގަޅު ފުރުޞަތެއްވެސް ލިބުނެވެ. ނަމަވެސް ބެނަޓް ޕްރާޑޯސް ބޮލުން ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހި ކުޅުމުގެ ތެރެއަށް އައުމުން އިނާކީ ވިލިއަމްސް އަލުން ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ބޯޅަ ހުރަސް ދަނޑީގެ ތިރީގައި ޖެހިވަނީ ފުރުޞަތު ބޭކާރުވެފައެވެ.
އެތްލްޓިކޯ އާއި ރެއާލް ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހު ވާދަކުރާނެއެވެ.
ރޭ ރެއާލް ބެޓިސް އިން ރެއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދީ 10 ވަނަ މިނިޓްގައި ބްރަހިމް ޑިއަޒް ރެއާލަށް ގޯލެއް ކާމިޔާބުކޮށްދީފައި ވަނިކޮށް ފަހަތުން އަރާ ދެ ގޯލް ކާމިޔާބުކޮށްގެންނެވެ. ބެޓިސް އިން ނަތިޖާ އެއްވަރުކުރުމުގެ ކުރިން ރެއާލަށް ލީޑު ފުޅާކުރާނެ ރަނގަޅު ދެތިން ފުރުޞަތެއް ލިބުން ނަމަވެސް ގޯލަކަށް ބަދަލުކުރުމުގައި ވަނީ ނާކާމިޔާބު ވެފައެވެ.
މެޗުގެ 34 ވަނަ މިނިޓްގައި ބެޓިސް އަށް ނަތީޖާ އެއްވަރުކޮށްދިނީ ޖޯނީ ކާޑޮސޯގެ ބޮލުން ފޮނުވާލި ހިތްގައިމު ބޯޅައިންނެވެ. ބެޓިސްއިން ރެއާލްގެ މައްޗަށް ކުރިހޯދީ ނަތީޖާ އެއްވަރުކުރަން އެހީތެރިވި އިޒްކޯ, އެޓީމަށް ލިބުނު ޕެނަލްޓީ 54 ވަނަ މިނިޓްގައި ކާމިޔާބުކޮށްގެންނެވެ.
ރެއާލްގެ އެންޓޯނިއޯ ރުޑީގާ ބެޓިސްގެ ޖީސަސް ރޮޑްރިގޭޒްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކެޕްޓަން އިޒްކޯ ކާމިޔާބުކުރިއިރު, މިއީ އޭނާ ބެޓިސްގައި ހޭދަކުރާ ނުވަވަނަ އަހަރެވެ.
ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ސިޓީއަށް ކުރިން ކޯޗުކޮށްދީފައިވާ މެނުއެލް ޕެލެގްރިނީގެ އިރުޝާދުގެ ދަށުން ޖުމްލަ 18 ޝޮޓެއް ގޯލާ އަމާޒުކޮށް ފޮނުވާލާ ރެއާލްގެ މައްޗަށް ހައްގުމޮޅެއް ހޯދި ރެއާލް ބެޓިސްއިން މި ނަތީޖާއާއެކު ވަނީ ތާވަލްގެ ހަވަނަ މަޤާމަށް ކުރިއަށް ޖެހިލާފައެވެ.
މިއީ ރެއާލުން ލަލީގާގައި މިސީޒަންގައި ބަލިވި ހަތަރުވަނަ ފަހަރެވެ. ތާވަލްގެ ތިންވަނައަށް ރެއާލް ވެއްޓުނީ ބާސެލޯނާއާ ގޯލްގެ ތަފާތުންނެވެ. ލީގުގައި ހޮނިހިރު ދުވަހު ރެއާލުން ނިކުންނާނީ މިވަގުތު ތާވަލްގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
ރިއެކްޝަންސް






