
ބެލިންގްހަމްގެ 'ރަތްކާޑު' ގެ ފިލާވަޅުން އިބްރަތް ހާޞިލްކުރަން ފްލިކްގެ އިންޒާރެއް
ހޮނިހިރު ދުވަހުގެރޭ ރެއާލް މެޑްރިޑް އާއި އޮސަސޫނާ ބައްދަލުކުރިމެޗުގައި ރެއާލްގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމްއަސް ދެއްކި ރަތްކާޑާއެކު ބާސެލޯނާގެ ކޯޗު ހެންސީ ފްލިކްގެ އިންޒާރެއް ބާސާގެ ކުޅުންތެރިންނަށް ދީފިއެވެ. ފްލިކް ބުނެފައިވަނީ ރެފްރީ އާ ދެބަސްވުންފަދަ ކަންކަމަކީ ކުޅުންތެރިއަކަށް އެޅޭނެ އެންމެ ޅަ އެތި ކަމުގައެވެ.
ރެއާލްއަށް ޕޮއިންޓަކުން ފުއްދާލަންޖެހި ތާވަލްގެ އެންމެ ކުރި ދިފާއުކުރަން ލިބުނު ފުރުޞަތު ރޭގެ މެޗަށްފަހު ވަނީ ގެއްލިފައެވެ. ރެފްރީ ހޯސޭ ލުއިސް މުނުއޭރާ މޮންޓޭރޯ އާ ބޭއަދަބީކޮށް މުހާތަބުކުރިކަމަށް ނިންމާ, މެޗުގެ 36 ވަނަ މިނިޓްގައި ބެލިންގްހަމް އަށް ރަތްކާޑު ދައްކާފައިވީނަމަވެސް އޭނާ ބުނެފައިވަނީ އޭނާ ބުނި އެއްޗެއް ރެފްރީއަށް ނުބައިކޮށް ނެގުނީ ކަމުގައެވެ.
އެ ހާދިސާއާ ގުޅިގެން ފްލިކް ވަނީ ބާސެލޯނާގެ ކުޅުންތެރިންނަށް މެޗުގެ އޮފިޝަލުންނާ ދެބަސްވުމުގައި ވަގުތު ބޭކާރު ނުކުރަން އެދިފައެވެ.
"އަހަންނަށް އެއީ ބޭއަދަބީ ވުން. އަހަންނާ ދިމާއަށް އެހެން ބުނިނަމަ އެއީ ވަަރަށް އިޙްތިރާމް ކުޑަވުން. އެކަމަކު މި ހާލަތުގައި އެކަން އަހަރެން ނިންމަނީ އެއްނޫން" ބެލިންގްހަމްގެ މައްސަލައަށް އިޝާރާތްކޮށް ނޫސް ކޮންފަރެންސްގައި ކުރި ސުވާލަކަށް ޖަވާބުދެމުން ފްލިކް ބުންޏެވެ.
ފްލިކް އިތުރަށްބުނީ އެފަދަ ކަންކަމަކީ ރަނގަޅު އަޙްލާގު ނޫންކަމުގައި އޭނާގެ ކުޅުންތެރިންނަށް އޭނާ އަބަދުވެސް ބުނެދޭކަމުގައެވެ. އަދި އެއީ ޓީމަށްވެސް އެންމެ ރަނގަޅު ގޮތް ނޫންކަމުގައެވެ. އަދި އޭގެ ސަބަބުން ރަތްކާޑެއް ލިބުމަކީ ކުޅުންތެރިއެއްގެ ގޮތުގައި ރަނގަޅު ޝަޙްސިއްޔަތެއް ނެތްކަން ކަމުގައިވެސް ފްލިކް ވަނީ ބުނެފައެވެ.
"ކޮންމެ ޓީމަކާއެކުވެސް ދަނޑުމަތީގަ ހުންނާނެ ރެފްރީއާ މަޝްވަރާކޮށް ހަދާނެ މީހެއް. އެއީ ޓީމުގެ ކެޕްޓަން. އަހަރެމެން އެކަން އެބަޖެހޭ ޤަބޫލުކުރަން" ފްލިކް ބުންޏެވެ.
ބެލިންގްހަމް ވަނީ އޭނާގެ ސަބަބުން ޓީމަށް ދިމާވިގޮތުން ޓީމުގެ ކިބައިން މާފަށް އެދި އެކަން ހިނގާދިޔަގޮތް މީޑިއާއަށްވެސް އޮޅުން ފިލުވައިދީފައެވެ. އަދި އެއީ އޭނާގެ އަމިއްލަ ނަފްޞަށް މުހާތަބުކޮށް ބުނި އެއްޗެއް ކަމަށާއި, ރެފްރީއަށް ނިސްބަތްކޮށް ބުނިއެއްޗެއް ނޫންކަމުގައިވެސް ބުނެފައެވެ. ނަމަވެސް ރެފްރީގެ ނިންމުމާއެކު ޓީމަށް އެކަމުން ކުރި އަސަރާއެކު އޭނާވެސް ހުރީ އިންތިހާއަށް ދެރަވެފައި ކަމުގައި ބެލިންގްހަމް ބުނެފައި ވެއެވެ.
ހޮނިހިރު ދުވަހު ރެއާލުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ހަމަ އެއާއެކު ހޯމަ ދުވަހު ބާސެލޯނާ އާއި ރަޔޯ ވަޔަކާނޯގެ މެޗުން ބާސާ މޮޅުވެއްޖެނަމަ ތާވަލްގެ ތާވަލްގެ އެއްވަނަ ބާސެލޯނާ އަށް ލިބޭނެއެވެ.
ރިއެކްޝަންސް






