
ލިވަޕޫލް އިން ވުލްވްސްގެ މައްޗަށް ހޯދި ކާމިޔާބީއަކީ ޑާބީގެ ހާދިސާއިން އުފެދުނު މޮޅުވުމުގެ ޝުއޫރެއް: ސްލޮޓް
ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ލިވަޕޫލްއިން ވުލްވްސްގެ މައްޗަށް ހޯދި ކާމިޔާބީއަކީ ބުދަ ދުވަހު އެވަޓަން އާ އެއްވަރުވި މެޗުގައި ހިނގާދިޔަ ކަންކަމުގެ ސަބަބުން މޮޅުވުމަށް އުފެދުނު ޝުއޫރެއްކަމަށް ޤަބޫލުކުރާ ކަމަށް ކޯޗު އާނެ ސްލޮޓް ބުނެފިއެވެ. އޭނާ ބުނީ މިއަދު ހޯދި މޮޅުގެ ފަހަތުގައި އެދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކުން އުފެދުނު މޮޅުވުމުގެ ޝުއޫރު މުހިއްމު ދައުރެއް އަދާކުރި ކަމުގައެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި މިއަދު ވުލްވްސްގެ މައްޗަށް ކުރިހޯދީ 2-1 ންނެވެ. މި ނަތީޖާއާއެކު ލިވަޕޫލް ތާވަލްގެ އެއްވަނައިގައި އޮތީ 7 ޕޮއިންޓްގެ ސާފު ލީޑެއްގައެވެ.
މާސެސައިޑް ޑާބީގައި އެވަޓަން އާ ލިވަޕޫލް ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްގަނޑުގެ ތެރޭގައި ސްލޮޓްއަށް ދެއްކި ރަތްކާޑާއެކު ލިބުނު ދެ މެޗުގެ ސަސްޕެންޝަނާއެކު އޭނާ މިއަދު އިނީ ދުރުން މެޗު ބަލާށެވެ.
މެޗުގައި ލީޑު ނެގީވެސް ލިވަޕޫލްއިންނެވެ. 15 ވަނަ މިނިޓްގައި މެޗުގެ ފުރަތަމަ ގޯލް ލިވަޕޫލްއަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއަޒްއެވެ. 37 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ފެނަލްޓީ މުޙައްމަދު ޞަލާޙް ކާމިޔާބު ކޮށް ފުރަތަމަ ހާފުވެސް އެޓީމް ނިންމާލީ 2-0 ގެ ލީޑެއްގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ވުލްވްސްއިން ގޯލެއްޖަހާ ނަތީޖާ އެއްވަރުކުރީ މެޗުގެ 67 ވަނަ މިނިޓްގައެވެ. ޖީން ރިސްނާ ބެލެގާޑޭ ތަނަވަސްކޮށްދިން ފުރުޞަތު ހިތްގައިމު ގޯލަކަށް ބަދަލުކޮށްލީ މެތިއުސް ކޫނާއެވެ.
"ބުދަ ދުވަހު ހިނގި ހާދިސާއަށްފަހު މީ ހަމަގައިމުވެސް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް. ހަޤީގަތުގަ ފުޓްބޯޅައިގައި މެޗެއް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން. މީހުން ބުނާނެ ކޮންކަމަކާ ހޭ ހާސްވަނީ. މުހައްމަދު ޞަލާހް އެބަހުއްޓެއްނޫންހޭ. ނޫން! އެއީ އެހެން އޮންނަ ކަމެއްނޫން. ކޮންމެ ތިން ދުވަހުން އެއްދުވަހު މެޗެއް ކާމިޔާބުކުރުމަކީ ފަސޭހަކަމެއްނޫން. އެހެންވީމަ މިއަދުގެ މޮޅު އަހަރެމެންނަށް މުހިއްމުވީ" ސޮލޮޓް ބުންޏެވެ.
ރިއެކްޝަންސް






