ނަސްލީ ތަފާތުކުރުން ކުޑަނުވާނަމަ 2030 ވަނަ އަހަރުގެ ވޯޑްކަޕް ސްޕެއިންގައި ބޭއްވުމުގެ ފުރުޞަތު ގެއްލިދާނެ- ވިނީޝިއުސް
ސްޕެއިންގައި އޮންނަ ނަސްލީ ތަފާތުކުރުންތަކަށް އެދެވޭ ހައްލެއް ނުލިބޭނަމަ 2030ގެ ވޯލްޑްކަޕް އެގައުމުގައު ބޭއްވުމުގެ ފުރުޞަތު ނުދިނުމަށް ވިނީޝިއުސް ޖޫނިއަރ ގޮވާލައިފިއެވެ. ސްޕެއިންގެ ރެއަލްމެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވާޑްގެ ގޮވާލުމާއެކު އެގަޢުމުގެ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރެއަލް މެޑްރިޑާ ވާދަވެރި ކްލަބްތަކުގެ ސަޕޯޓަރުންގެ ފަރާތުން ސްޕެއިންގައި ވިނީޝިއުސް އަށް ވަނީ އެކި ފަހަރު މަތިން ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިވެފައެވެ.
2023 ވަނަ އަހަރު ވެލެންސިއާގައި ވިނީއަށް ކުރިމަތިލާންޖެހުނު ހާދިސާއާ ގުޅިގެން ކުށްވެރިވެ, ތިން ސަޕޯޓަރަކު ޖަލަށްލާން މިއަހަރުގެ ޖޫންމަހު ވެލެންސިއާގެ ކޯޓުން ހުކުމްވެސް ކޮށްފައިވެއެވެ. މިއީ ނަސްލީ ތަފާތުކުރުންތަކާ ގުޅޭ މައްސަލައެއްގައި ސްޕެއިންގެ ކޯޓަކުން ކުރި މިބާވަތުގެ ފުރަތަމަ ހުކުމްވެސް މެއެވެ.
2030 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ބިޑް ކާމިޔާބު ކޮށްފައިވަނީ ސްޕެއިން އާއި ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެންނެވެ. ފާއިތުވި ހަފުތާގައި ސީއެންއެން އަށް ދިން އިންޓަވިއުގައި ވިނީޝިއުސް ބުނެފައިވަނީ ރޭސިސަމްގެ މައްސަލައަށް އެދެވޭ ޙައްލެއް ނުލިބޭނަމަ މުބާރާތް ބާއްވާތަން ބަދަލުކުރުމާމެދު ފީފާއިން ވިސްނަންޖެހޭ ކަމަށެވެ.
"2030 އާ ހަމައަށް ވަރަށް ވަގުތު އެބައޮތް. އަހަރެން އުއްމީދުކުރަން ސްޕެއިނަށް މިކަމުގެ ސީރިއަސްކަން އެނގޭނެކަމަށް. މީހެއްގެ ހަމުގެ ކުލައާ ގުޅިގެން އެމީހާއަށް އިހާނެތިބަސް ރައްދުކޮށްހެދުމަކީ ކިހާވަރެއްގެ ކަމެއްކަން. 2030 ވަނަ އަހަރާ ހަމައަށް ކަންކަން އިސްލާޙް ނުވާނަމަ މުބާރާތް ބާއްވާތަން ބަދަލުކުރުމާމެދު ވިސްނަންޖެހޭ. ކޮންމެ ގޮތެއްވިއަސް ކުޅުންތެރިންނަށް ނަސްލީ ތަފާތުކުރުންތަކުގެ އިޙްސާސް ކުރެވޭނަމަ އެތަނެއްގައި ކުޅެން ވަރަށް އުނދަގޫ ވާނެ" ވިނީޝިއުސް ގެ އިންޓަވިއުގައި އޭނާ ބުނެފައި ވެއެވެ.
އިންޓަވިއުއާ ގުޅިގެން އަންގާރަ ދުވަހުން ފެށިގެން ސްޕެއިންގެ މީޑިއާގައި ވަނީ ބަހުޘްތައް ފެށިފައެވެ. ބައެއް މީހުން ބުނާގޮތުގައި ވިނީޝިއުސް ވަނީ ގައުމެއްގެ ގޮތުގައި ސްޕެއިން ބަދުނާމުވާގޮތަށް ވާހަކަ ދައްކާފައެވެ.
"ވަރަށް ހިތަށްތަދުވޭ ވިނީޝިއުސް އަހަރެމެން އެންމެން އެކަމުގައި ޝާމިލްވާގޮތަށް ވާހަކަދެއްކީމަ" ރެއަލް މެޑްރިޑްގެ ކުރީގެ ގޯލް ކީޕަރު ޕެކޯ ބުޔޯ އަންގާރަ ދުވަހުގެ ރޭ އޮތް ޓީވީ ޝޯވ އެއްގައި ބުނެގައި ވެއެވެ. އޭއެސް ގެ ކޮލަމިސްޓް, ތޯމަސް ރޮންސޭރޯ ވެސް ވަނީ ވިނީޝިއުސްގެ ބަޔާން އިތުރަށް ސާފުކޮށްދޭން ގޮވާލާފައެވެ.
ނަމަވެސް ހަމަ އެ އިންޓަވިއުގައި ވިނީޝިއުސް ވަނީ އޭނާ ދައްކާފައިވަނި މަދުބައެއްގެ ވާހަކަ ކަމަށްވެސް ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ ސްޕެއިންގައި ބައިވަރު މީހުން އުޅޭކަމަށާއި, އޭގެތެރެއިން ގިނަ މީހުންނަކީ ރޭސިސްޓް ބައެއް ނޫން ކަމުގައެވެ.
" މަދު ބައެއް ޤައުމުގެ ރީތިނަން ހަޑިވާ ޒާތުގެ އަމަލުތައް މިކުރަނީ. އަހަރެން ރިއަލް މެޑްރިޑަށް ކުޅެން ލޯބިކުރަން. އަހަރެން ސްޕެއިން ދެކެ ލޯބިވޭ. އަދި އަހަރެންގެ އާއިލާއަށްވެސް މިޤައުމުގައި ހަމަޖެހިގެން އުޅޭނެ މާޙައުލު އެބައޮތް" ވިނީގެ އިންޓަވިއުގައި އިތުރަށް ބުނެފައި ވެއެވެ.
ވިނީޝިއުސް ގެ އިންޓަވިއުއާ ގުޅިގެން ބުދަ ދުވަހު މީޑިއާ އަށް ދިން ބަޔާނެއްގައި މެޑްރިޑްގެ މޭޔަރު ހޯސޭ ލުއިސް މާޓިނޭޒް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެކަމަށް ސްޕެއިން އާއި މެޑްރިޑްގެ ރައްޔިތުން ކައިރިން ވިނީޝިއުސް މާފަށް އެދެންޖެހޭ ކަމަށްވެސް މޭޔަރު މީޑިއާ އާ ވާހަކަދައްކަމުން ބުންޏެވެ.
"އަހަރެން އުއްމީދުކުރަން އޭނާ އެބުނި އެތި ވަގުތުން ރަނގަޅުކުރާނެކަމަށް. އަހަރެމެން އެންމެނަށްވެސް އިނގޭ މި މުޖުތަމައުގަ ނަސްލީ ތަފާތުކުރުމުގެ ކަންކަން ހިނގާކަން. އެކަންކަން މަދުކުރަން އަހަރެމެން މަސައްކަތް ކުރަންޖެހޭ. އެކަމަކު ސްޕެއިންއާ މެޑްރިޑް އަކީ ރޭސިސްޓް މުޖުތަމައުއެކޭ ބުނުމަކީ އެހާ އިންސާފުވެރި ގޮތެއްނޫން" މާޓިނޭޒް ބުނެފައި ވެއެވެ.
24 އަހަރުގެ ވިނީޝިއުސް 2018 ގައި ރެއަލް މެޑްރިޑާ ގުޅުނުފަހުން އެ ކްލަބާއެކު އޭނާވަނީ 2 ޗެމްޕިއަންސް ލީގާއި ތިން ލަލީގާ ކާމިޔާބު ކޮށްފައެވެ.
ސްޕެއިންގައި އޮތް ނަސްލީ ތަފާތުކުރުމުގެ މައްސަލަ 2023 ވަނަ އަހަރު ވަނީ ވަރަށް ބޮޑަށް ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. އެއީ ވެލެންސިއާގެ މެސްޓެއްލާ ސްޓޭޑިއަމްގައި އެއަހަރުގެ މޭ މަހު އެކްލަބުގެ ސަފޯޓަރުންގެ ފަރާތުން ބްރެޒިލްގެ ފޯވާޑަށް ކުރުމަތިވި ނަސްލީ ތަފާތުކޮށް ހަނގާކުރި ހާދިސާއާ ގުޅިގެންނެވެ.
ފާއިތުވި ހަފްތާގައި އީއެސްޕީއެން އިން ރިޕޯޓްކުރި ގޮތުގައި 2027 އާ ހަމައަށް ރެއަލް މެޑްރިޑްގެ ކޮންޓްރެކްޓް އޮތް ނަމަވެސް ސައުދީ އެރޭބިއާގެ ކްލަބަކަށް ބަދަލުވުމާ ގުޅެގޮތުން ވިނީޝިއުސް ދަނީ ވިސްނަމުންނެވެ. އޭނާއަށް ލިބިފައިވާ ހުށަހެޅުމާ ބެހޭގޮތުން ގޮތެއްނިންމުން އަންނަ ހޫނު މޫސުމާ ހަމައަށް ވަނީ މަޑުޖައްސާލާފައި ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް