
ގާޑިއޯލާއާއެކު ސިޓީ ސިޓީ ހުސްއަތާ, ފުރަތަމަ ތަށްޓާއެކު ކްރިސްޓަލް ޕެލަސް ތާރިޚްގެ ތެރެއަށް!
އެފް އޭ ކަޕް ފައިނަލްގައި 1-0 ން މެންޗެސްޓަރ ސިޓީ ބަލިކޮށް، ކްރިސްޓަލް ޕެލަސްއިން ކްލަބުގެ ތާރީޙްގައި ވެސް ހޯދި ބޮޑު ފުރަތަމަ ތަށި އުފުލާލައިފިއެވެ. މިއާއެކު ގާޑިއޯލާގެ ސިޓީ އަށް ވަނީ ތައްޓެއްގައި އަތްނުލެވި ފުރަތަމަ ފަހަރަށް ސީޒަނެއް ނިންމާލަން ޖެހިފައެވެ.
ވެމްބްލޭ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގެ ހަމައެކަނި ގޯލް 16 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕެލަސްގެ އެބާޗީ އެޒް އެވެ. ޑެނިއަލް މުނޯޒްގެ އެހީތެރިކަމާއެކު އެޒް ޕެލަސްއަށް ގޯލް ކާމިޔާބުކޮށްދިން އިރު އޭނާވަނީ ކުއާޓަރ އަދި ސެމީގައިވެސް ގޯލް ޖަހާ, ތިންވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ޕެލަސް ގެންގޮސްދިނުމަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ. މީގެ ކުރިން އެފް އޭ ކަޕް ފައިނަލްގައި ޕެލަސް ކުޅުނީ 1990 އަދި 2016 ގައެވެ.
ފުރަތަމަ ފަހަރަށް އެޕް އޭ ކަޕް އުފުލާލި ކްރިސްޓާލް ޕެލަސްގެ ކޯޗު, އޮލިވަރ ގްލޭސަރ ކްލަބާ ހަވާލުވީ މީގެ 15 މަސް ކުރިންނެވެ. މިއީ އޮސްޓްރޭލިއާގެ ކޯޗަކު އެފް އޭ ކަޕް އުފުލާލި ފުރަތަމަ ފަހަރުވެސް މެއެވެ.
ކުރިން މެންޗެސްޓަރ ޔުނައިޓަޑްގެ ގޯލް ބެލެހެއްޓި ޑީން ހެންޑަސަން ވަނީ ޕެލަސްގެ ގޯލް ކީޕަރުގެ ގޮތުގައި ހޮނިހިރު ދުވަހު މުހިއްމު ސޭވްތަކެއްކޮށްފައެވެ. އޭގެ ތެރޭގައި ސިޓީގެ އޮމަރް މަރްމޯޝް 36 ވަނަ މިނިޓްގައި ޖެހި ޕެނަލްޓީވެސް ހެންޑަރސަން ވަނީ ދިފާއުކޮށްފައެވެ.
ޖެހިޖެހިގެން އެފްއޭކަޕް ދެ ފައިނަލްގައި ބަލިވި ސިޓީ މި ސީޒަން ނިންމާލާނީ ފަހުގެ ތާރިޙްގައިވެސް އެންމެ ދަށް ސީޒަންގެ ގޮތުގައެވެ. އަދި މިއީ 2017-2016 ގެ ސީޒަނަށްފަހު ޑޮމެސްޓިކް މުބާރާތެއްގެ ތައްޓެއްގައި އަތްލާން ނުލިބި ސިޓީން ނިންމާލާ ފުރަތަަ ސީޒަނެވެ.
ރިއެކްޝަންސް






