
ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސް ގޯތިތަކުގެ ރަޖިސްޓްރީ އަވަހަށް ދޫކުރަން ނިންމައިފި
ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް އިތުރު ބަދަލުތަކެއް ގެނެސް، ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ކޮންސްޓަރްކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ 24 އޮގަސްޓު 2023 ގައި އިޢުލާނުކުރެވުނު ފުރަތަމަ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަންޖެހޭ މުހިންމު ބައިތައް ނެތުމާ ގުޅިގެން، 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް އިޢުލާނުކުރެވުނު ކަމަށެވެ. ނަމަވެސް، މި ދެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯއްޗެއް ހިއްކާފައިވާ ސަރަޙައްދުން ދިނުމަށް ނިންމައި، އައު ޕްލޭނެއް ވަނީ ގެޒެޓްކުރެވިފައިކަމަށާއި، އަދި މީގެ އިތުރުން، ކޮމާޝަލް އަދި އިންސްޓިޓިއުޝަނަލް ބޭނުންތަކަށް ކަނޑައެޅިފައިވާ ބިންތައް އެހެން ސަރަޙައްދަކަށް ބަދަލުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ބަދަލުތަކާ ގުޅޭގޮތުން ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާއާ މަޝްވަރާކުރެވި، މި މަހުގެ ތެރޭގައި އަލުން ގުރުއަތުލުން ބާއްވައި، ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސާވޭ ނިމުމުން ވީ އެންމެ އަވަހަކަށް ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ބަދަލުތަކަކީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޝަންސް






