80 އަށްވުރެ ގިނަ ދަރިވަރުންނާއެކު އަބާރުނަ ޖަމްޢިއްޔާގެ އިސްލާމް ސްޓަޑީ ކޭމްޕް އެޕްރީލް 1 ގައި ބާއްވާން ތައްޔާރު ވެއްޖެ

80 އަށްވުރެ ގިނަ ދަރިވަރުންނާއެކު އަބާރުނަ ޖަމްޢިއްޔާގެ އިސްލާމް ސްޓަޑީ ކޭމްޕް އެޕްރީލް 1 ގައި ބާއްވާން ތައްޔާރު ވެއްޖެ

އެ ޖަމްޢިއްޔާއިން ވިދާޅުވީ ކޭމްޕްގައި ބައިވެރި ވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް

3 days ago - 09:40
Mar 26, 2025 - 09:45
Advertisement
Advertisement

ފުވައްމުލަކުގައި ހިންގާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އަބާރުނަ ޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން އެރަށުގައި ބާއްވާ އެސް.އެސް.ސީ އިސްލާމް ސްޓަޑީ ކޭމްޕް އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހު ބާއްވަން ތައްޔާރު ވެފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަބާރުނަ ޖަމްޢިއްޔާގެ ރައީސާ އާއިޝަތު އާތިފާ ވިދާޅުވީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ސްޓަޑީ ކޭމްޕުގެ އިންޑޯ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފުވައްމުލަކު ސްކޫލުގެ ހޯލުތެރޭގައި ކަމަށެވެ.

މިއަހަރުގެ ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގެ އިސްލާމް މާއްދާއަށް ތައްޔާރުވަމުން އަންނަ ފުވައްމުލަކު ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށާއި މި ސްކޫލްބަންދު ތެރޭގައި ފުވައްމުލަކަށް ޗުއްޓީއަށް ގޮސްފައިވާ އެހެނިހެން ސްކޫލްތަކުގެ ދަރިވަރުންނަށްވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕަކީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއްނެތި ހިލޭ ސާބަހަށް ކުރިއަށް ގެންދާ ސްޓަޑީ ކޭމްޕެއް ކަމަށް އަބާރުނަ ޖަމްޢިއްޔާއިން މައުލޫމާތު ދެއްވިއެވެ.

އެ ޖަމްޢިއްޔާއިން ވިދާޅުވީ މި ކޭމްޕް އިންތިޒާމު ކުރަނީ އަބާރުނަ ޖަމްޢިއްޔާ އާއި ގާބެ އިންސްޓިޓިއުޓް އަދި ފުވައްމުލަކުގައި ހިންގާ ޓިއުޝަން ސެންޓަރެއް ކަމަށްވާ ބެސްޓް ލާރނިން ސެންޓަރު ގުޅިގެން ކަމަށެވެ.

Advertisement
Advertisement

އަބާރުނަ ޖަމްޢިއްޔާގެ ރައީސާ ވިދާޅުވާ ކޭމްޕްގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލި މުއްދަތު މި މާރިޗު މަހުގެ 25 އަށް ހަމަވިއިރު 82 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ފުވައްމުލަކުގެ ސްކޫލްތަކު ދަރިވަރުންގެ އިތުރުން މާލޭގެ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް ފަދަ ސްކޫލްތަކުގެ އިތުރުން އަތޮޅުތެރޭގެ 5 ސްކޫލަކަށް ނިސްބަތްވާ ދަރިވަރުންވެސް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އަބާރުނަ ޖަމްޢިއްޔާއިން މައުލޫމާތު ދެއްވިއެވެ.

މި ކޭމްޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ އެސް.އެސް.ސީ އިމްތިހާނުގެ އިސްލާމް މާއްދާއަށް ދަރިވަރުން ތައްޔާރު ކުރުމުގެ ރާއްޖޭގެ އެއްވަނަ ޓީޗަރު ގާސިމް މުޙައްމަދު (ގާބެ ސަރ) އެވެ.

އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވީ މި ކޭމްޕަކީ މިއަހަރު އޮންނަ އެސް.އެސް.ސީ އިމްތިހާނުގައި އިސްލާމް މާއްދާ ހަދާ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ވިސްނުން ގެންގުޅެންވީ ގޮތްތައް ކިޔައިދީ އިމްތިހާނުގައި މަތީ މާކުހެއް ހޯދުމަށް އެހީއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ ކޭމްޕެއް ކަމަށެވެ.

އެގޮތުން އެސް.އެސް.ސީ އިމްތިހާނުގައި ކުރިމަތިވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި ދަރިވަރުން ވިސްނުން ގެންގުޅެންޖެހޭނެ ނުކުތާތަކާއި ދޭހައާއި ދިރާސާ ފެންވަރުގެ ސުވާލުތަކަށް ޖަވާބު ދޭންޖެހޭ ގޮތްތަކަށް މި ކޭމްޕްގެ ސެޝަންތަކުގައި އަލިއަޅުވާލެވޭނެ ކަމަށެވެ.

 މި ކޭމްޕްގެ ސެޝަންތައް ނަންގަވައިދެއްވާ މަޝްހޫރު އިސްލާމް މުދައްރިސު ގާސިމް މުޙައްމަދު ވިދާޅުވީ ޚާއްސަ ގޮތެއްގައި ދޭހައިގެ ސުވާލްތަކަށް ޖަވާބު ދިނުމުގައި ވިސްނަންޖެހޭނެ ނުކުތާތަކާއި ދިރާސާގެ ސުވާލު ހުންނާނެ ގޮތްތަކާއި އެ ސުވާލުގެ ކީ-ޕޮއިންޓުތައް ދެނެގަންނާނެ ގޮތް އަދި ޖަވާބު ދިނުމުގައި ވިސްނަންޖެހޭނެ ނުކުތާތައް ދަރިވަރުންނަށް އޮޅުންފިލުވަދީ ކިޔައިދެވޭނެ ކަމަށްވެސް އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސްކޫލް ހޯލުގައި، އެޕްރީލް އެއްވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު ފަހެއް ޖެހުމާ ހަމައަށް ކަމަށް އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވިއެވެ.

އަބާރުނަ ޖަމްޢިއްޔާއަކީ ފުވައްމުލަކުގައި އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމާއި، އެކި ދާއިރާތަކުން މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، އަދި އިޖްތިމާޢީ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި މިދިޔަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ.

އެ ޖަމްޢިއްޔާގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި އިޤްތިޞާދީ ރޮނގުން އަންހެނުން އަދި އާންމު ގޮތެއްގައި މުޖުތަމައު ހޭލުންތެރި ކުރުވުމާއެކު އިގްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަށް އެކިއެކި ހުނަރުތައް ދަސްކޮށްދިނުމާއި އިޤްތިޞާދީ ގޮތުން އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

މީގެ އިތުރުން ތަފާތު އެކިއެކި ހުނަރު އަންހެނުންނަށް ދަސްކޮށްދިނުމާއި ހުނަރު ތަރައްގީ ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ތިމާވެށީގެ ރޮނގުން އަންހެނުން ހޭލުންތެރި ކުރުވުމާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމާއި ސިޔާސީ ގޮތުން އަންހުން ބާރުވެރިކުރުވައި ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަކީވެސް އެ ޖަމްޢިއްޔާގެ މައިގަނޑު މަގްސަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އަބާރުނަ ޖަމްޢިއްޔާއިން ވިދަޅުވިއެވެ.

އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ އެކިއެކި އަނިޔާތަކުން ސަލާމަތް ކުރުމަށްޓަކައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި މަސްތުވާތަކެތިން އަންހެނުންނާއި ޒުވާނުން ރައްކާތެރި ކުރުމުގެ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން ފަދަ ކަންކަމަކީވެސް އެ ޖަމްޢިއްޔާގެ މައިގަނޑު މަގްސަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަދި މީގެ އިތުރުން ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މުޖުތަމައުގައި އުޅުމަށް ކުރިމަތިވާ އެކިއެކި ދަތިތަކާއި ހުރަސްތަކާ ގުޅޭ ގޮތުން މުޖުތަމައު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޑަކުދިންގެ ހެދިބޮޑުވުމާއި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ އިތުރުން ދީނީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ރާވައި ހިންގުމާއި ހަރުކަށި ފިކުރު ނުވަތަ "ވަޔަލަންޓް އެކްސްޓްރީމިޒަމް" އާ ގުޅޭ ގޮތުން ޚާއްސަ ގޮތެއްގައި އަންހެނުން އަދި އާންމު ގޮތެއްގައި މުޅި މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމުމަކީވެސް އެޖަމްޢިއްޔާ އުފެއްދި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ޒިންމާދާރު ރައްޔިތެއް ބިނާ ކުރުމާއި މަދަނީ ހައްގުތަކާއި މަދަނީ ޒިންމާތަކާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ޚައްސަ އިސްކަމެއް އެ ޖަމްޢިއްޔާއިން ދޭނެ ކަމަށް އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement