
އެއްބަސްވުންތައް ހާމަނުކުރެވެނީ ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހުރުމުން- ޣައްސާން
މިނިވަންކަމާ ސިޔާދަތަށް ގެއްލުންނުވާގޮތަށް ދަނީ ބަދަލުކުރަމުން
ދިވެހި ދައުލަތާ އިންޑިޔާއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ އެއެއްބަސްވުންތަކުގައި ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހުރުމުން ކަމަށް ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެއެއްބަސްވުންތަކުގެ މައުލޫމާތު ހާމަނުކުރާތީ ރައްޔިތުންގެ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މިއަދު ރައްޔިތުންގެ މަޖިލިހުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޣައްސާން ވިދާޅުވީ އެއްބަސްވުންތައް ހާމަނުކުރަނީ 'ކޮންފިޑެންޝިއަލިޓީ ކްލޯޒް' ތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް ދެގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމާއި, ސިޔާދަތާއި އިސްތިޤުލާލަށް އެއްވެސް ގެއްލުމެއް ނުވާގޮތަށް އެއްބަސްވުންތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވި, އަދިވެސް ކުރެވެމުން ދާކަމަށް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްމުން އެމަނިކުފާނުވެސް އެފަދައިން ވިދާޅުވެ, އެޔަގީންކަން ދެއްވިއެވެ.
އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ވަޒީރު ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެ މިނިވަންވީ ފަހުން އިންޑިޔާއާއެކު ސަތޭކަ އެތައް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރޭގައި ޑިފެންސް މިނިސްޓްރީން ޒިންމާވާ ގޮތަށް އޮތީ 4 އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ.
އެ އެއްބަސްވުންތަކުގެ ތެރެއިން ސިފަވަރު އެއްބަސްވުމާ ގުޅޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެ އެއްބަސްވުން ބަދަލުކުރުމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.
" ސިފަވަރުގެ އެއްބަސްވުމުގެ މަސައްކަތްވެސް ކުރެވެމުންދަނީ ދެގައުމުގެ ދޭތެރޭގައި ދެގައުމުގެ ދޭތެރޭގައި ނެގިފައި އޮތް ހައިލެވެލް ކޯޑިނޭޝަން ކޮމިޓީއަކުން. އެމަސައްކަތް އަދި ދަނީ ކުރެވެމުން." ވަޒީރު ވިދާޅުވިއެވެ.
އެއްބަސްވުންތައް މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހާމަނުކުރެވޭނެތޯ ކުރެއްވި ސުވާލަށް މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ބާރާއި އިމްތިޔާޒުތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިހުތިރާމް ކުރާނެ ކަމަށެވެ. އެގޮތުން 241 ކޮމިޓީއަށް ދެވޭ ހުރިހާ މައުލޫމާތެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއްބަސްވުންތައް އެކުގައި ކޮމިޓީއާ ހިއްސާކުރާނެ ކަމަށް ވިދާޅެއް ނުވެއެވެ.
ރިއެކްޝަންސް






