
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ މިއަދު ސަރުކާރު ބަންދު
މާލެ އާއި ރާއްޖޭގެ ބޮޑުސަރަޙައްދަކަށް މީގެ ދެދުވަސްކުރިން ފެށިގެންގެން ކުރަމުން އައި ވިއްސާރައިގައި އިއްޔެ ބޯކޮށް ވާރޭވެހި, މާލެ ފެންބޮޑުވެ ހިންގާ ބިނގާވެ އުޅުމަށް ދަތިވެފައިވާތީ މިއަދަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ސަރުކާރުގެ ނިންމެވުން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކްރެއްވި ޕޯސްޓްގައި ވިދާޅުވީ ރައީސުލް ޖުމްހޫރިޔާގެ މި މިންމެވުމަކީ މެދު ނުކެނޑި ބޯކޮށް ވާރޭވެހި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް އެކަމުގެ ތަކުލީފު ލިބެމުންދާތީ ނިންމެވި ނިންމެވުމެއް ކަމަށެވެ.
"2 މާޗް 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުލްހޫރިއްޔާ ހަމަޖައްސަވައިފި" ހީނާގެ ޕޯސްޓްގައި ބުނެފައި ވެއެވެ.
ރޭ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ހަ ސަރަޙައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިންވަނީ މަޢުލޫމާތު ދީފައެވެ. ރޭ އެމްއެންޑީއެފާއެކު ބައެއް ވަޒީރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ވެސް ވަނީ ގޭގެއަށް ފެން ވަނުން ސަލާމަތް ކުރުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގައި އަމަލީގޮތުން ހަރަކާތްތެރި ވެފައެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްރަށަށްވެސް ބޯކޮށް ވާރޭވެހި, ފެންބޮޑުވެ ގިނަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
މޫސުންގޯސްވެ, ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ހެނދުނު 8 ޖެހުމާ ހަމައަށް އޮރެންޖް އެލާޓްވެސް ނެރެފައެވެ.
ރިއެކްޝަންސް






