ޣައްޒާގައި ތުއްތު 7,700 ކުދިން ގަދަ ފިނީގައި މަރާ ހަނގުރާމަ ކުރަނީ, 8 ކުދިން ދުނިޔެ ދޫކޮށްފި
ދުނިޔޭގެ ކަންކޮޅުތަކުގައި ފިނިމޫސުމުގެ ދުވަސްތައް ގުނަމުން ދާއިރު ޣައްޒާގެ ހާލަތު ތަފާތެވެ. ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ދިރިއުޅުން ވަނީ ފޭލިގެތަކަށް ބަދަލުވެފައެވެ. އަދި ގަދަ ވަޔާއި ވިއްސާރައިގައި ފޭލިގެތައް ވަނީ ވީދި ހަސްފަސް ނެތިފައެވެ. ބޯ ވިއްސާރައިގައި ފޭލިގެތައް ފެންބޮޑުވެ ނިދާ ތަންމަތިތައް ވަނީ ފޯވެފައެވެ. ގިނަ އާއިލާ ތަކުގައި ތުއްތު ކުދިންގެ ގައިމަތީގައި އަޅާލާނެ ރަޖައެއް ހާ ހިސާބުވެސް ނެތެވެ.
ޔުނިސެފް އިން މަޢުލޫމާތުދޭ ގޮތުގައި ޣައްޒާގައި އަލަށް އުފަންވި 7,700 ކުދިން މިހާރުވެސް އެބަތިއްބެވެ. މިދެންނެވި ހާލަތުގައި ގަދަ ފިނީގައިދަނީ އެކުދިން ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ހައިޕޮތަމިއާ (ހަށިގަނޑުގެ ހޫނުމިން އެކަށީގެންވާ ވަރަށްވުރެ ދަށްވުން) ގަދަ ފިނީގައި ގަނޑުވެގެން 8 ވަނަ ކުއްޖާ ދުނިޔެ ދޫކުރީ ޙަބަރު ލިބުނީ މި ލިޔުން ލިޔަމުން ދަނިކޮށެވެ.
ޣައްޒާގެ އާބާދީ ވަނީ ގާތްގަނޑަކަށް ބަންޑަށްޖެހިފައެވެ. އިންސާނީ އެހީއާއި, ކާނާ އަދި ބޯފެންފަދަ ދިރިހުރުމަށްބޭނުންވާ ޒަރޫރީ ތަކެތި ލިބުމުގައި އިންތިހާއަށް ވަނީ ދަތިވެފައި ކަމުގައި އާދިއްތަ ދުވަހު އދ ގެ އެޖެންސީ އޮން ޕަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) ގެ ހާލަތު ބަޔާންކޮށްދޭ ރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.
އިޒްރާއިލްއިން އެއްގަމު މަގާއި, ކަނޑުން އަދި ވައިގެ މަގުން ވެސް ޣައްޒާއަށް ހުއްޓުމެއްނެތި ދަނީ ހަމަލާ ދެމުންނެވެ. ފާއިތުވި 24 ގައިއިރުގެ ތެރޭގައި ޣައްޒާއަށް ބޮމުގެ ވާރޭ ވެހިފައިވާ ކަމުގައި މަންޒަރުދުށް މީހުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެހަމަލާތަކުގައި 200 އަށް ވުރެ މީހުން އެއްމެ ދުވަހެއްގެ ތެރޭގައި ވަނީ ޝަހީދުވެފައެވެ.
ފިނިމޫސުމުގެ އެންމެ ފިނިގަދަ ދުވަސްވަރާ ޣައްޒާ ކުރިމަތި ލާއިރު މި ޙާލަތުގައި ބަޔާންކުރަންނޭނގޭ އަދަދަކަށް ތުއްތު ކުދިން ގަނޑުވެގެން މަރުވުމަކީ އެކަށީގެންވާ ކަމެއްކަމުގައި އަންރްވާ އިން ވަނީ ބުނެފައެވެ. ނަމަވެސް ޣައްޒާއަށް ބޭހާއި, ސިއްޙީ ސާމާނު އަދި ފިނިން ސަލާމަތް ކުރެވޭނެ އާލާތްތަކާއި ރަޖާ ފަދަ ތަކެތި އެތެރެކުރުންވެސް އިޒްރާއިލްއިން ވަނީ ހުއްޓުވާފައެވެ.
ޔުނައިޓަޑް ނޭޝަންސް އޮފީސް ފޮރ ހިއުމެނިޓޭރިއަން އެފެއަރޒް (އޯސިއެޗްއޭ) އިން ހެދި ޣައްޒާގެ ފެނުގެ ކޮލިޓީ ވަޒަންކުރާ ދިރާސާ ގެ ނަތީޖާ ދައްކާގޮތުން ޣައްޒާގެ ފެނުގެ ފަށަލަ ވަނީ ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެފައެވެ.
އިޒްރާއިލްއިން ގަސްތުގައި އަންރްވާގެ މަސައްކަތްތައް ފާހަގަވާ ހިސާބުތަކުން މީހުން ހުސްކުރުމުގެ އަމުރުތައް ދަނީ ނެރެމުންނެވެ. ހީލަތްތެރި ރޭވުމުގެ ދަށުން ޣައްޒާގެ ރައްޔިތުން އިންސާނީ އެހީން މަޙްރޫމް ކުރުމަށް 15 ޑިސެމްބަރުން ފަށައިގެން އަންރުވާގެ މުއާލާތް ހިންގާ 12 ސަހަރާއްދަކުން މީހުން ނިކުތުމަށް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި 29 ޑިސެމްބަރުގައި ހުޅަނގު-އުތުރު ޣައްޒާ, އަލް-ނަޞްރު ސަރަޙައްދު, އަލް-އަވްދާ ސިޓީ, އަދި އަލް-މުރާބިދިންއިން މީހުން ނިކުތުމަށް އިޒްރާއިލްއިންވަނީ އަންގާފައެވެ.
2023 އޮކްޓޯބަރު 7 ގެ ފަހުން އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ އުދުވާނުގައި މިހާތަނާށް 45,541 މީހަކު ޝަހީދުވެފައި ވާކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކައެވެ. މުޅި ޣައްޒާގެ އާބާދީގެ 90 އިންސައްތަ ވިއްސި ވިލާލިވެފައި ވާއިރު 17,000 ށް ވުރެ ގިނަ ކުޑަކުދިން ވަނީ 15 މަސްދުވަހުގެ ތެރޭގައި ޝަހީދުކޮށްލާފައެވެ.
ރިއެކްޝަންސް