ކަމާލް އަދުވާން ހޮސްޕިޓަލުން ބަލިމީހުންނާއި މުވައްޒަފުން ނެރެ އިޒްރާއިލްއިން  ހޮސްޕިޓަލް އަންދާލައިފި
ކަމާލް އަދުވާން ހޮސްޕިޓަލް. އިމާރާތް މިހާރު ދަނީ އަނދަމުން. ފޮޓޯ: އަލްޖަޒީރާ

ކަމާލް އަދުވާން ހޮސްޕިޓަލުން ބަލިމީހުންނާއި މުވައްޒަފުން ނެރެ އިޒްރާއިލްއިން ހޮސްޕިޓަލް އަންދާލައިފި

24 hours ago - 22:36
Dec 28, 2024 - 00:03

ކަމާލް އަދުވާން ހޮސްޕިޓަލް އަކީ އުތުރު ޣައްޒާގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ހަމައެކަނި ހޮސްޕިޓަލެވެ. ނަމަވެސް އިޒްރާއިލްގެ އަސްކަރިއްޔާގެ އުޅަނދުތައް ހޮސްޕިޓަލް ވަށާލުމަށް ފަހު މިއަދު ވަނީ އެ ހޮސްޕިޓަލްގައި ރޯކޮށް އަންދާލާފައެވެ.

ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 75 މީހަކަށް ފަރުވާ ދެމުން ދިޔައިރު ހޮސްޕިޓަލްގެ ކޮމްޕައުންޑްތަކުގައި 400,000 އެއްހާ މީހުން ހިމާޔަތް ހޯދައިގެން ތިބޭތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އިޒްރާއިލްއިން ހޮސްޕިޓަލްގައި ހުޅުޖެހުމުގެ ކުރިންވަނީ ހޮސްޕިޓަލް ތެރެއަށް ވަދެގަނެ މުޅި ހޮސްޕިޓަލް ރެއިޑްކޮށްފައެވެ. އަދި އަސްކަރިއްޔާގެ ސިފައިން ވަނީ ހޮސްޕިޓަލްގެ މުވައްޒަފުންނާއި ބަލިމީހުން އެތަނުން ނެރެފައި ކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ހަތިޔާރުން ބިރުދައްކައިގެން ހޮސްޕިޓަލުން ނެރުނު މީހުންގެ ތެރޭގައި ބަލިމީހުންގެ އިތުރުން 185 މުވައްޒަފުންނާއި ބަލިމީހުންގެ އެހީތެރިންވެސް ހިމެނެއެވެ. އެމީހުން މިހާރުވަނީ ބޭހާއި މެޑިކަލް ސާމާނު އެއްކޮށް ހުސްވެފައިވާ އިންޑޮނީޝިއާ ހޮސްޕިޓަލްއަށް ބަދަލުކޮށްފައެވެ.

އުތުރު ޣައްޒާގެ ހާލަތު އިންތިހާއަށް ގޯސްވެގައި އޮންނަތާ ތިންމަސްވާން ކައިރިވެފައިވާއިރު ބޭހާއި މެޑިކަލް ސާމާނު އެއްކޮށްހެން އެ ހޮސްޕިޓަލްއިންވެސް ވަނީ ހުސްވެފައެވެ. އެސަރަޙައްދަށް އެހީގެ އެއްވެސް މިންވަރެއް ވަނުން އިންޒާއިލްއިން ހުއްޓުވާފައިވާތާ 90 ދުވަސްފަހުން ކަމާލް އަދުވާން ހޮސްޕިޓަލް އަށް އަމާޒުކޮށް އިޒްރާއިލްއިން ވަނީ ވަރުގަދަ ހަމަލާތަކެއް މި ފަހުން ދޭންފަށާފައެވެ.

Advertisement
Advertisement

މީގެ ފަހުތާއެއްހާ ދުވަސްކުރިން ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރ ވަނީ ދުނިޔެއަށް އާދޭހާއެކު އެމީހުންތިބި ހާލަތު ކިޔާދީ ވީޑިއޯ މެސެޖެ ތަކެއްވެސް އާންމުވެސް ކޮށްފައެވެ. ޑިރެކްޓާރް ހުސާމް އަބޫ ސާފީގެ މެސެޖުގައި ޓޭންކަރުތަކުން އެމީހުން ވަށާލައި ކަމަށާއި ދުނިޔެއަށް އެމީހުންގެ ހާލަތު ބުނެދިނުމަށް އެދިފައި ވެއެވެ.

މީގެ ކުރިންވެސް ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އެހޮސްޕިޓަލްގެ މަދު މުވައްޒަފުންކޮޅު ހުސްގަޔާ ހޮސްޕިޓަލްއިން ނެރެ ވަނީ އެމީހުންގެ ހަށިގަނޑު ބަލާ ފާސްކޮށްފައެވެ. އަބޫ ސާފީ ވެސް އިޒްރާއިލްގެ ހަމަލާގައި ދާދި ފަހުން ވަރަށް ބޮޑަށް ޒަޙަމްވިއެވެ. 

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ހޮސްޕިޓަލް އާ މިހާރު ވަނީ ގުޅުން ކެނޑިފައެވެ. އަދި ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓް ތަކަށް އަލިފާންގަނޑު މިހާރު ވަނީ ފެތުރިފައެވެ. ފުރަތަމަ ރޯކޮށްލާފައިވަނީ ސާޖިކަލް ޑިޕަރޓްމަންޓް, ލެބޯރެޓަރީ އަދި ސްޓޯރ ހައުސްގައެވެ.

ހޮސްޕިޓަލް އަންދާލުމުގެ ކުރިން އިޒްރާއިލްއިންވަނީ އެސަރަޙައްދުގައި 50 ހަކަށް މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ނޫސްވެރިންގެ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ފަސް ނޫސްވެރިންވެސް ހިމެނެއެވެ.

ހޮސްޕިޓަލްގައި ރޯކޮށްލުމަށްފަހު އިޒްރާއިލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ހޮސްޕިޓަލްއަކީ "ހަމާސް ޓެރަރިސްޓުންގެ އައްޑާއެއް" ކަމަށެވެ. ނަމަވެސް އިޒްރާއިލްއިން މިހެން ބުނުން ފިޔަވއި އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.

އުތުރު ޣައްޒާގެ ބެއިތް ހަނޫން, ބެއިތް ލަހިއާ އަދި ޖަބާލިއާގައި ތާށިވެގައި ތިބި ފަލަޞްޠީނުގެ އެތައްހާސް ރައްޔިތުން ކާނާއި, ބޯފެން އަދި އަސާސީ އެނެމްހާ ކަމަކުން މަޙްރޫމްކޮށްފައި ތިބޭތާ އެތައްދުވަހެއް ވަނީ ވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow