ނަގުދު ފައިސާއިން ފަޒުލް އަށް 1.4 މިލިއަން ރުފިޔާ ދިނިން- ރިލެކްސް ފެރީ
ނަގުދު ފައިސާއިން ފަޒުލް އަށް 1.4 މިލިއަން ރުފިޔާ ދިން ކަމަށް ރިލެކްސް ފެރީ ސަރވިސްއިން ބުނެފިއެވެ. ލޯންޗް ފެރީގެ ޚިދުމަތްދޭ ކުންފުނިން މިހެން ބުނެފައި މިވަނީ ހުޅުމާލެއިން އުސޫލުން ބޭރުން ބިންތަކެއް ދިން މައްސަލައިގެ ތަހުގީގަށް އިބްރާހީމް ފަޒުލް ރަޝީދުގެ ގެ ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު, 1.4 މިލިއަން ރުފިޔާ ފެނުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
މައްސަލަ ފެންމަތިވެ ޢާއްމުންގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައި ވަނިކޮށް, ރިލެކްސް ފެރީ ސަރވިސް އިން އެމީހުންގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ. އަދި އެފައިސާ އަކީ ލޯންޗެއް ބަނުމަށް ދިން ފައިސާ ކަމަށް ބުންޏެވެ.
ރިލެކްސް ފެރީން ސަރވިސް އިން ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ ހަވާލުކޮށްގެން ލޯންޗެއް ބަން ކަމަށެވެ. އެލޯންޗްގެ ފެންވަރު ރަނގަޅުވުމުން ދެވަނަ ލޯންޗެއް ބަނުމަށް މިދިޔަ އަހަރު ކުރީކޮޅު މަޝްވަރާކޮށް, ފައިސާ ހަވާލުކުރީ ޑިސެމްބަރު މަހު ކަމަށް ބުންޏެވެ.
އެޗްޑިސީން އުސޫލުން ބޭރުން ހުޅުމާލެއިން ބިންތަކެއް ދިން މައްސަލައިގެ ތަހުގީގަށް އެކުންފުނީގެ ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ޕާސްޕޯރޓްވެސް ހިފަހައްޓާ ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ކޯޓް އަމުރެއްގެ ދަށުން އޭނާގެ ގެ ބަލާ ފާސްކޮށް, އިލެކްޓްރޯނިކްސް ސާމާނު ހިފެހެއްޓި ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލައިގެ ތަހުގީގަށް ސަސްޕެމންޑް ކޮށްފައި ވަނިކޮށް, ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ރިއެކްޝަންސް