
ވޯޓުގައި ބައިވެރި ނުވެވުނީ ރަށުން ބޭރުގައި ހުރުމުން، އަޅުގަނޑު ދެމިހުންނާނީ ރައީސާއިއެކު: މެންބަރު އިބުރާހިމް ހުސެއިން
މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވެވުނީ ރަސްމީ ދަތުރެއްގައި ރަށުން ބޭރުގައި ހުރުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު، އިބްރާހީމް ޙުސައިން (ޑްރީމްސް އިއްބެ) ވިދާޅުވެއްޖެއެވެ.
އިއްބެ މިފަދައިން ވިދާޅުވެފައި މިވަނީ އިއްބެގެ ނަން ހިމަނައިގެން މިއަދުގެ ވޯޓާ ގުޅުވައި ބައެއް މީޑިއާތަކުން ފަތުރަމުންދާ ބުހުތާނު ދޮގުވާހަކަތަކުގެ ހަގީގަތް އޮޅުން ފިލުވައި ދިނުމުގެ ގޮތުން އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދެމިހުންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި ދާއިރާގެ ރައްޔިތުންނަށް ވަފާތެރި އިޚްލާސްތެރި މެންބަރެއްގެ ގޮތުގައި" އިއްބެގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ސްޕްރިމްކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށް ހޮޅުދޫ ދާޢިރާގެ މެމްބަރު ހުށަހެޅުއްވި ބިލް މަޖިލިހަށް ބަލައި ގަތުމަށް ވޯޓް ނެގިއިރު ޕީއެންސީގެ 11 މެންބަރުން ނުހިމެނެއެވެ. މީގެ ތެރެއިން 9 މެންބަރަކު ތިއްބެވީ ރަސްމީ ދަތުރުތަކުގައި ރަށުން ބޭރުގައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވަނީ ވިދާޅުވެފައެވެ. އެ މެންބަރުންގެ ތެރޭގައި ހިމެނި މެންބަރު އިބްރާހީމް ޙުސައިން މިއަދު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހު ދ. އަތޮޅުގައެވެ.
"އަޅުގަނޑު މިހުރީ ސަރުކާރަށް އެއްބާރުލުންދީ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާ ފާގަތިކަން ހޯދައިދިނުމަށް ފިސާރި ގަދަކޮށް." މެންބަރު އިއްބެގެ މެސެޖު ނިންމާލަމުން ވިދާޅުވެފައި ވެއެވެ.
ރިއެކްޝަންސް






