އިޤްތިޞާދީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ޔޫއޭއީގެ ރައީސް ދެއްވައިފި
ތަރައްޤީއާއި އިޤްތިޞާދީ ދާއިރާއިން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް، އާލް ނަހްޔާންގެ މުހައްމަދު ބިން ޒާއިދު އާލް ނަހްޔާން ދެއްވައިފިއެވެ.
ޔޫއޭއީގެ ރައީސް މި ޔަގީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފޯނުން ގުޅުއްވައި، ކުރެއްވި މުހިންމު މަޝްވަރާތަކެއްގެ ތެރެއިންނެވެ.
މި ފޯނު ކޯލުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުންތަކާ ބެހޭގޮތުންނާއި، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ޚާއްޞަކޮށް އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާތަކުން އެއްބާރުލުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ލާބައަށްޓަކައި ޔޫއޭއީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ތަރައްޤީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވުމުގައި ދެމިތިއްބަވާނޭކަމަށް ދެ ރައީސުން ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރީ 1978 ވަނަ އަހަރުއެވެ. އޭގެ ފަހުން ސިޔާސީ، އިޤްތިޞާދީ އަދި ތަރައްޤީގެ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އަންނަނީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. ވަކިން ޚާއްޞަކޮށް ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔޫއޭއީއަކީ ރާއްޖޭގެ މުހިންމު ބައިވެރިއެކެވެ.
ޔޫއޭއީ ސަރުކާރުން ވަނީ ތަފާތު އެކި ފަހަރުމަތިން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި އިޤްތިޞާދީ ދަތި ހާލަތްތަކުގައި ބޮޑެތި އެހީތައް ފޯރުކޮށްދީފައެވެ. އެގޮތުން 2020 ވަނަ އަހަރު ވެސް އެ ޤައުމުން ވަނީ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 771 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. އާ ސަރުކާރާއެކު މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ޤައުމުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





