
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ޑިވެލޮޕްމަންޓް ފަންޑްގެ ސީއޯއީ އަށް އަރުވައިފި
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ސަޢޫދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ޢާންމު ޙާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް އަރުވައިފައިވަނީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ 3 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ރިއެކްޝަންސް






