މެޑިކަލްޗެކަޕް: ޒުވާނުންނާއި ކުޑަކުދިންނަށް އެޕްރީލް މަހުން ފެށިގެން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ގޮތްހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ގޮތްހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު ވިދާޅުވީ ފަންސާސް އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި މެޑިކަލް ޗެކަޕް ހެދުމަށް ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވަލީދު ވިދާޅުވީ މި ޕްރޮގްރާމްގެ މަގްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުން ކަމަށެވެ.
މި މެޑިކަލް ޗެކަޕް އެކުލަވާލާފައިވަނީ ފަންނީ ބޭފުޅުންގެ ލަފާއާއިއެކު ގުޅުން ހުރި ފަންނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމުގައި ހީނާ ވިދާޅުވިއެވެ.
އެގޮތުން މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މި ހިދުމަތް ތަންފީޒު ކުރަން ފަށާނެކަމަ ށާއި އަދި 35 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ އިތުރުން 19 އަހަރުން ދަށުގެ ކުދިންނަށް އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ތަންފީޒު ކުރެވިގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ. މީގެ އިތުރުން 19 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް މި ހިދުމަތް ދޭން ފަށާނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
އެންސްޕާގެ ސީ.އީ.އޯ ވިދާޅުވީ ދެ ޖިންސަށް ވަކިން ހާއްސަ ޕެކޭޖްތަކެއް ހެދި އުމުރު ފުރައާ ގުޅޭ ޓެސްޓުތައް ކޮންމެ ޕެކޭޖެއްގައިވެސް ހިމެނިގެން ދާނެ ކަމަށެވެ.
ހީނާ ވިދާޅުވީ މި ހިދުމަތް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތައް އަދި މާލޭ ސިޓީގައި ނަމަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން ލިބިގެން ދާނެކަމަށެވެ.
ރިއެކްޝަންސް