" އެއްވެސް ރައީސްއަކަށް ނިންމަން ނުކެރުނު ބޮޑު ނިންމުމެއް"
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޑޮލަރު ރާއްޖޭގެ ބޭންކަށް މާރުކުރަން ޖެހޭނެ

" އެއްވެސް ރައީސްއަކަށް ނިންމަން ނުކެރުނު ބޮޑު ނިންމުމެއް"

16 days ago - 12:05

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިއްޔެ އަމަލުކުރަން ފެށީ ހަގީގަތުގައިވެސް ވަރަށްބޮޑު ނިންމުމަކަށެވެ. ދެ ގަވާއިދަކަށް ބަދަލު ގެނެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށް 'ޑޮލަރުން' ނަފާ ހޯދާ ފަރާތްތަކުގެ މައްޗަށް ލާޒިމް ކުރީ އެޑޮލަރުން މިންވަރެއް ރާއްޖޭގެ ބޭންކްތަކުން މާރު ކުރުމަށެވެ. ކުރުކޮށް ބުނާ ނަމަ ރާއްޖޭގެ ރީތިކަން ވިއްކައިގެން ލިބޭ އާމްދަނީގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ލާޒިމް ކުރީއެވެ. މިއީ މިހާތަނަށް އެއްވެސް ރައީސްއަކަށް ނިންމަން ނުކެރި އޮތް 'ބޮލްޑް' ނިންމުމެކެވެ.

އެކި ފަރާތްތަކުން މިނިންމުން ސިފަކުރަނީވެސް ހިތްވަރުގަދަ, ޖެހިލުން ކުޑަ ނިންމެވުމެއްގެ ގޮތުގައެވެ. މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މޫސާ ސިރާޖު ވިދާޅުވީ މިނިންމެވުމަކީ އެއްވެސް ރައީސްއަކަށް ނިންމަން ނުކެރުނު ބޮޑު ނިންމެވުމެއް ކަމަށެވެ.

"މިއީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ/ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރަކުން މިހާތަނާށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅު." ރައީސް މުއިއްޒުއަށް ތައުރީފް ކުރައްވަމުން ސިރާޖު ވިދާޅުވިއެވެ.

އެމްއެމްއޭގެ ނިންމެވުމާ ގުޅިގެން އައި ބަދަލަކީ ފަތުރުވެރިންނަށް ޚިދުމަތްދޭ ކެޓަގަރީ އޭ ގެ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން މަޖުބޫރު ވުމެވެ. ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނެވެ.

ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ރާއްޖޭގައި ހިންގާ ބެންކަކަށް ރުފިޔާއަށް މާރުކުރަންވެސް އެނިންމެވުމާއެކު މަޖުބޫރު ވާނެއެވެ. އެއީ ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދަށް ބަދަލު ގެނެސް އިއްޔެ ގެޒެޓްކޮށް އަމަލުކުރަން ފެށުމުން އައި ބަދަލެވެ. އެބަދަލުގެ ނަތީޖާ އަކީ އަހަރެއްގެ މައްޗަށް 750 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ޖެހުމެވެ. ޑޮލަރު ލިބުމުގައި ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބުމެވެ.

އެމްއެމްއޭ އިން ބުނީ މި ގަވާއިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް, ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރު ކުރެވޭނެ ކަމަށެވެ. މިނިންމެވުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުالله މުއްތަލިބު ވިދާޅުވީ މިއީ މިދިޔަ ސަރުކާރުތަކަށް ނިންމަން ނުކެރުނު ހިތްވަރު ގަދަ ބޮޑު ނިންމެވުމެއް ކަމަށެވެ. މިއީ ކޮންމެހެން ނިންމަވަން ޖެހޭ ނިންމެވުމެއްކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖޭގެ ބޭންކްތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ފައިދާ އިޤްތިޞާދުގެ ތެރެއިން ފެންނާނެ ކަމަށެވެ. މިނިސްޓަރ ސިފަކުރެއްވީ މިއީ އިމްޕޯޓް ކުރެވޭ މުދަލާއި, ބޭރުގެ ދަރަނި ދެއްކުމާއި, ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކުގެ ނިމުމެއްގެ ގޮތުގައެވެ.

" ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ޑޮލަރުގެ ރިޒާވް މަތިވެ, އިގްތިޞާދީ ހަމަޖެހުން އަންނާނެ ނިންމެވުމެއް ކަމަށެވެ.

ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ފެންނަމުން ދަނީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ.މުއިއްޒު ވަރަށް ހިތްވަރުގަދަ ނިންމެވުންތަކެއް ނިންމަވާތަން ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލު އަންނާނެ ކަމުގެ އުއްމީދު އެބައޮތް" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ޑޮލަރުގެ މައްސަލައަށް މިގެނައި ބަދަލުގެ ސަބަބުން ބިދޭސީން ކޮންޓްރޯލް ކުރަމުން ދިޔަ ޑޮލަރުގެ ކަޅު ބާޒާރުވެސް ނިމުމަކަށް އަންނާނެ ކަމަށެވެ.

އެމްއެމްއޭއިން ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރެއިން ރާއްޖޭގައި ދިވެހި ރުފިޔާއިން ވިޔަފާރީގެ މުއާމަލާތް ކުރަން ޖެހޭ ގޮތަށްވެސް ވަނީ ބަދަލުކޮށްފައެވެ. ގަވާއިދަށް ގެނައި ބަދަލު ތަންފީޒު ކުރުމުގެ ގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ގަވާއިދާ ހިލާފްވާ ފަރާތްތައް 10,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރަންވެސް ވަނީ ހިމަނާފައެވެ. ޖޫރިމަނާ ކުރެވޭނެ އެހެން ހާލަތްތައްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މިބަދަލު މިގެނައީ 1987 ވަނަ އަހަރުގެ މާރޗް 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި ބޭރު ފައިސާގެ ގަވާއިދު އުވާލައިގެންނެނެވެ. ނަމަވެސް މިގެނައި ބަދަލުތަކާ ގުޅިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުން ބޮޑެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow