އިޒްރާއިލް އިން ފަލަޞްޠީނުގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ: 1400 އާއިލާ އެއްކޮށް ނައްތާލައިފި!
ޣައްޒާގެ އާއިލާއެއް ޓެންޓުގެ ބޭރުގައި ކާނާ ތައްޔާރުކުރަނީ. ފޮޓޯ: ކެއަރ. އޯރގް

އިޒްރާއިލް އިން ފަލަޞްޠީނުގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ: 1400 އާއިލާ އެއްކޮށް ނައްތާލައިފި!

1 day ago - 21:30
Dec 16, 2024 - 07:07

ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން އިޒްރާއިލްއިން ފަލަޞްޠީނުގައި ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޣައްޒާގެ 1400 އާއިލާ އެއްކޮށް ނެތިކޮށްލައިފިއެވެ. މީގެ މާނައަކީ އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާ ހިމެނޭހެން 1400 އާއިލާގެ ވަސްވެސް މިދުނިޔެއިން ފުހެލުމެވެ. ޣައްޒާގެ މަދަނީ ރަޖިސްޓްރީން އެ އާއިލާތައް އަބަދީގޮތެއްގައި ނެތިކޮށްލުމެވެ.

އިތުރު 3463 އާއިލާ ގާތްގަނޑަކަށް އެއްކޮށް ނެތިކޮށްލުމާ ކައިރިވެފައި ވާއިރު މި ޢާއިލާތަކުގެ އެކެއް ނޫނީ ދެ މެމްބަރެއް ފިޔަވާ އެންމެން އިޒްރާއިލްގެ ހަމަލާތަކުގައި ވަނީ މަރާލާފައެވެ. އިޒްރާއިލްއިން ނެތިކޮށްލާފައިވާ ޢާއިލާތަކުގެ މެމްބަރުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. ހަމަލާތަކުގައި 17,000 ށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާއިރު އެ ޢަދަދަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޔަތީމު ވެފައެވެ. އާއިލާގެ އިތުރު މެމްބަރަކު ނެތްހާލު, ހުއްޓުމެއްނެތި އިޒްރާއިލްގެ ހަމަލާތައް އަމާޒުވާ ހަނގުރާމައިގެ އެބިމުގައި އެކުދިންވަނީ އަޅާލާނެ ބަޔަކުނެތި ބިކަވެފައެވެ.

Advertisement

އެތައްހާސް ކުދިންނެއް އާއިލާތަކާ ވަކިވެފައި ވާއިރު އެކުދިންގެ އެއްބަނޑު އެއްބަފާ އެހެން ކުދިން, މަންމަ ނޫނީ ބައްޕައާ އަލުން ބައްދަލުވާނެކަމެއް, ނުވަތަ އެމީހުން ދިރިތިބިކަމެއް ނުވަތަ ނޫންކަމެއްވެސް އެކުދިންނަކަށް ނޭނގޭއެވެ. ނަފްސާނީ އަދި ޖިސްމާނީ އެތައްވޭނެއް ތަޙައްމަލު ކުރަމުންދާ އެ ތުއްތު ތުއްތު ކުދިންނަށް އެއް އިރު ބަނޑުފުރާނަ މުއްތިކޮށްލާނެ ފަދައެއްވެސް ނުލިބެއެވެ. ދުނިޔޭގައި އެކުދިން ތިބި ނަމަވެސް ނެތް ފަދައެވެ. ލިބިފައިވާ ޝޮކްގައި ބައެއްކުދިން ވާހަކަ ދެއްކުމުން މަޙްރޫމް ވެފައިވާއިރު އެކުދިން އެ ތަޙައްމަލް ކުރަމުންދާ ވޭން އެކުދިންގެ ފުރާނަ ހަށީގައި ހުރިހާ ހިނދަކު އެކުދިންނާ ވަކިނުވާވަރަށް އެކުދިންނަށްވަނީ ނަފްސާނީގޮތުން އަސަރުކޮށްފައެވެ.

ޣައްޒާގެ އާއިލާތައް ނައްތާލުމުގެ އެތައްހާސް ޤަތުލްއާންމު ފާއިތުވެދިޔަ 14 މަސްދުވަހުގެ ތެރޭގައި ވަނީ ހިންގާފައެވެ. މިއީ ގަސްތުގައި ވަކި ވަކި އާއިލާތައް ނައްތާލުމަށް އިޒްރާއިލްއިން ރާވައިގެން ހިންގާފައިހުރި ހަނގުރާމައިގެ ޖަރީމާތަކެވެ. މިއީ ހަމައެކަނި އިންސާނީ ދިރިހުރުމަށް ދިން ހަމަލާތަކެއް ނޫނެވެ. މީގެން ހަމަ ކޮންމެ އާއިލާއަކީ ފަލަޞްޠީނުގެ ތާރީޙާއި ގުޅިފައިވާ މުޙިންމު އެތައް ވާހަކަތަކެއް ކިޔައިދޭ ބަހާތަކެކެވެ. އެއީ ފަލަޞްޠީނުގެ އަމިއްލަވަންތަކަމާއި, އެ މުޖުތަމައުގެ އެއް ސިފައެވެ. އެހެންކަމުން އާއިލާތަކުގެ ވަސް ފޮހެލުމުގެ މާނައަކީ ރޭވިގެން ނިޒާމީގޮތެއްގައި ޣައްޒާގެ ސަގާފަތް ހަލާކުކޮށް ފުނޑުފުނޑު ކުރުމަށްދޭ ހަމަލާތަކެކެވެ.

ހަމަލާތަކުގައި ޣައްޒާގެ ސިއްޙީ ނިޒާމް އެއްކޮށްހެން ނެތިކޮށްލާފައިވާއިރު ވަޅުލާފައިވާ ގިނަ ހަށިތައް ކޮންބައެއްކަން ވެސް ނޭނގި ވަޅުލާފައިވާނެކަމަށް ސިއްހަތާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އޭގެތޭރޭގައި ހަށިގަނޑުގެ ބައިތައް ވަކިވަކިން ލިބިފައިވާ ހަށިތަކާއި, ހަމަލާތަކުގައި ކާކުކަން ނޭނގޭވަރަށް ޒަޙަމްވެފައިވާ ހަށިތައްވެސް ގިނަ އަދަކަށް ވަޅުލާފައި ވެއެވެ. ޖަނާޒާގެ ފުރުޞަތު ނުލިބި 10,000ށް ވުރެ ގިނަ ރައްޔިތުން އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާނެކަމަށްވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. ހަނގުރާމައިގައި އިޒްރާއިލްއިން މަރާލި މީހުންގެ ރަސްމީ ޢަދަދުތައް 44,000 ގައި ހުރި ނަމަވެސް ޣައްޒާގެ ހަނގުރާމަ މޮނިޓަރ ކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މި އަދަދު މިހާރު 200,000 އާ ގާތްކުރާނެއެވެ.

ބައިނަލްއަޤުވާމީ ގާނޫނު އަދި އދ ގެ ޤަތުލްއާންމާ ބެހޭ މުޢާހަދާ ބުނާގޮތުން އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންދާ ލާއިންސާނި ޢުދުވާނަކީ ހަމަނުޖެހުމެއްނޫނެވެ. އެއީ ސާފުބަހުން ބަޔާންކޮށްފައިވާ ޤަތުލްއާންމުގެ މާނަ ނުވަތަ މަފްޙުމާ އެއްވެސް ފުށުއެރުމެއް ނެއް, ސާފުސީދާ ޤަތުލްޢާންމެކެވެ. އޭގައި ބަޔާންކޮށްފައިވާ ގޮތުގައި ޤަތުލްއާންމަކީ ބަޔަކު އެއްކޮށް ނުވަތަ އޭގެން ބައެއް ނަމަވެސް ނަސްލީ އަދި ދީނީގޮތުން އެބައެއް ނައްތާލުމުގެ ގަސްތުގައި ހިންގާ ކޮންމެ އަމަލެއް ކަމެވެ. އަދި އޭގެ ތެރޭގައި ގަސްތުގައި ވަކިވަކި އާއިލާތަކަށް އަމާޒުކޮށްގެން އެއާއިލާތައް ނައްތާލުމާއި, އެބައެއް ދިރިއުޅޭ އިމާރާތްތަކަށާއި ބިނާރުތައް ނެތިކޮށްލުމަށް ދޭ ހަމަލާތައް ހިމެނެއެވެ. މީގެ އިތުރުން, ހަތިޔާރާއި ބަނޑަށްޖެއްސުމުގެ ސަބަބުން އެއްފަރާ އެތައްބަޔަކު މަރާލުންވެސް ޤަތުލްއާންމުގެ ތެރޭގައި ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow