އިޒްރާއިލްއިން ދަނީ ގަޞްތުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދެމުން: ތަޖުރިބާކާރުން
އިޒްރާއީލުން ފަލަސްޠީނުގައި މަރާލި ނޫސްވެރިއެއް ވަޅުލަނީ: ފޮޓޯ-އަލްޖަޒީރާ

އިޒްރާއިލްއިން ދަނީ ގަޞްތުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދެމުން: ތަޖުރިބާކާރުން

2 months ago - 09:34
Sep 24, 2024 - 09:35

ޑިސެމްބަރު 15 ވީ ހުކުރު ދުވަހު އަލްޖަޒީރާގެ ނޫސްވެރިންކަމަށްވާ, ސާމެރް އަބުދާގާ އަދި ވައެލް ދަދޯޙް ދިޔައީ ޣައްޒާގެ ޙާން ޔޫނުސްއިން ވަގުތުން ހަބަރު ގެނެސްދެމުންނެވެ. ކުއްލިއަކަށް އެމީހުންތިބި ފަރްހާނާ ސްކޫލަށް އިޒްރާއިލްއިން މިސައިލް ހަމަލާއެއް ދިނުމަކީ އިއްތިފާގެއް ނޫނެވެ.

ގޮވައިގެންދިޔަ އެއްޗެއްގެ ބައެއް ދަދޯޙްގެ އަތަށްވަދެ އޭނާ ވަރަށް ބޮޑަށް ޒަޙަމްވިއެވެ. ސަލާމަތްވާނޭ މަގެއްހޯދާ, ލޭމަނާވޭތޯ މަސައްކަތްކުރަމުން އަވަސްފަރުވާ ހޯދުމަށް އޭނާ ދިޔައީ އެސަރަޙައްދުގައި އެންމެ ކައިރިއަށް ހުރި ހޮސްޕިޓަލަށެވެ. އެކަމަކު ސާމެރް އޮތީ ހިރިނުލެވޭ ޙާލަތެއްގައެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުން އޭނާއާ ހަމައަށް ވާޞިލްވެވޭގޮތެއް ނުވިއެވެ. އިޒްރާއިލްއިން ދިޔައީ ހުއްޓުމެއްނެތި އެސަރަހައްދަށް ބޮންއަޅަމުން ކަމުގައި ވާތީއެވެ. ލޭ އޮހޮރެމުންދާ ހާލުގައި އިންތިހާ ވޭނުގައި ފަސް ގަޑިއިރުވަންދެން އޭނާ އެތާގައި އޮތެވެ.

އޭރު އަލް ޖަޒީރާއިން ދިޔައީ ރިޕޯޓާސް ވިތުއަތުޓް ބޯޑާސް އާއެކު ސާމެރް ސަލާމަތްކުރުމަށް އޮންލައިން ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. ސާމެރް އަށް ފުރުތަމަ އެހީ ފޯރުކޮށްދިނުމަށް އިޒްރާއިލްގެ ސަރުކާރަށް ދިޔައީ ޓީވީ މެދުވެރިކޮށް ގޮވާލަމުންނެވެ.

Advertisement

 

އިޒްރާއިލްއިން ނޫސްވެރިން މެރުމުގައި ހުރި އެއްގޮތްކަން:

ސާމެރް އަކީ އޮކްޓޯބަރ 2023 ގެ ފަހުން އިޒްރާއިލްއިން މަރާލި 130 ނޫސްވެރިންނާއި މީޑިއާ މަސައްކަތެރިންގެ ތެރެއިން އެކަކެވެ. ޣައްޒާގެ މީޑިއާ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ އަދަދު 173 ށް އަރައެވެ. 

އިޒްރާއިލްއިން ޣައްޒާގައި ހަނގުރާމަ ކުރަމުންދާތާ ޑިސެމްބަރު މަހަށް ދެމަސްވީއިރު ޣައްޒާއަކީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ތަންކަމުގައި ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްކުން ވަނީ ބުނެފައެވެ. ހަމަލާތަކަށް އަހަރެއްވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އިޒްރާއިލްއިން ދަނީ އަދިވެސް ނޫސްވެރިން މަރަމުންނެވެ.

ބައެއް ރިޕޯޓަރުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ތާށިވެފައި އެބަތިއްބެވެ. ކޮންމެވެސް ގޮތަކުން އެއިން ސަރަޙައްދެއް ދޫކޮށް ދެވުނު ނަމަ, އަލުން އަނބުރާ އާދެވޭނެ ގޮތެއް ނެތެވެ.

130 ށްވުރެ ގިނަ މީޑިއާގެ މަސައްކަތްތެރިން މަރާލާފައިވާއިރު, މީގެތެރެއިން 31 ކޭހަކީ އެކަށީގެންވާ ވަރަށް ހެކިހުރި ކޭސްތަކެވެ. އެއީ އެމީހުން މަރާލާފައިވަނީ އެމީހުންނަކީ ނޫސްވެރިންނަށްވާތީވެ, ސީދާ މަރާލަން އަމާޒުކޮށްގެން މަރާފައިވާ ކަމުގެ ހެއްކެވެ.

ހަނގުރާމައިގެ ހާލަތު ދިރާސާކުރާ ފަރާތްތަކާ ހަވާލާދި އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާގޮތުގައި ރިޕޯޓަރުންގެ މަރުގެ އަދަދުތައް އެހާ މަތީ އިޒްރާއިލްއިން ގަސްތުގައި މީޑިއާގެ މަސައްކަތްތެރިންނަށް އަމާޒުކޮށްގެ ހަމަލާދޭތީކަމަށް އެމީހުންގެ ހޯދުތަންތަކަށް ޤަބޫލުކުރެވެއެވެ. އެއީ އެމީހުން މެރުމަށްފަހު އިޒްރާއިލްއިން ވަނީ އެމީހުންގެ އާއިލާތަށާއި ގެދޮރަށް އަމާޒުކޮށްވެސް ހަމަލާތައް ދީފައެވެ.

ގިނަ ފަހަރު މީޑިއާގެ މަސައްކަތްތެރިން މަރާލުމަށްފަހު އިޒްރާއިލްއިން ވަނީ އެމީހުން މަރާލީ ހަރިތާރުއެޅި "ޓެރަރިސްޓުން" ކަމަށް ބެލެވޭ ބައެއްކަމަށް ބުނެފައެވެ.

ޖުލައި 31, 2024 ގައި އިޒްރާއިލް އިން މަރާލި އަލް ޖަޒީރާގެ އަނެއް ނޫސްވެރިއަކީ އިސްމައިލް އަލް ގައުލް އެވެ. އެންމެ ފުރަތަމަ އޭނާ ހައްޔަރުކުރީ މާޗު މަހުއެވެ. އަދި އޭގެ ދެމަސް ފަހުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލްގައި އިޒްރާއިލް ސިފައިން ވަނީ އޭނާ ހައްޔަރުކޮށް 1 ގަޑިއިރުވަންދެން ސުވާލުކޮށްފައެވެ. އޭގެ އަނެއް ދުވަހު ހަމާސްގެ އަސްކަރީ ފިޔައިގެ މެމްބަރެއްކަމަށް ބުނެ އިޒްރާއިލްއިން ވަނީ އޭނާ މަރާލާފައެވެ. އިޒްރާއިލްއިން ވަނީ ސާބިތުނުހިފޭ ލިޔެކިޔުންތަކެއް ދައްކާ, އަލް ގައުލް އަކީ 2007 ން ފެށިގެން އެ ޔުނިޓްގެ ކަމުވޮށިގެންވާ މެމްބަރެއް ކަމަށް ބުނެފައެވެ. ނަމަވެސް 2007 ގައި އިސްމާއިލް އަލް ގައުލް އަށް ވާނީ އެންމެ 10 އަހަރެވެ. 

"އެމީހުން (އިޒްރާއިލް އަސްކަރިއްޔާގަ) އަތުގަ އާލާތްތައް ހުރޭ މޫނާއި, ލޯ އަދި ފިންގަޕްރިންޓްސް ދެނެގަނެވޭ ފެންވަރުގެ. އެމީހުންނަށް އެނގޭނެ މީހަކު އެހެން މަރާލުމުގެ ކުރިން އެއީ އާންމުންގެ މީހެއްކަން ނުވަތަ ހަނގުރާމަވެރިއެއްކަން ވަކިކުރަން. އެކަމަކު ގައުލް މަރާލީ ހަމަ ނޫސްވެރިއެއްކަން އެނގިހުރެ" ޣައްޒާގެ ސްކޭޔެސް ސެންޓަރ ފޯ މީޑިއާ އެން ފްރިޑަމްގެ މުހައްމަދު އޮތްމާން ބުންޏެވެ. އަދި  ހަނގުރާމަވެރިއެއްކަމަށް ބެލެވޭ ނަމަ އެހެން ދޫކުރާނެތޯ އޮތްމާން ވަނީ ސުވާލުއުފައްދާފައެވެ.

މަޝްހޫރު އަދި ހިތްވަރުގަދަ ނޫސްވެރިޔާ ވައެލް ދަދޯޙް ގެ ފިރިހެން ދަރިފުޅު, އަދި ނޫސްވެރިޔާ ހަމްޒާ ދަދޯޙްވެސް ވަނީ އިޒްރާއިލްގެ ހަމާލާއެއްގައި ޖެނުއަރީ 7 ވަނަ ދުވަހު މަރާލާފައެވެ. ޑްރޯން މެދުވެރިކޮށް ދިން އެހަމާލާގައި ހަމްޒާއާކު މަސައްކަތްކުރި މުޞްތަފާ ތުރާޔާވެސް ވަނީ މަރާލާފައެވެ.

އިޒްރާއިލް އިން ބުނެފައިވަނީ އެއީ ޣައްޒާގައި ތިބި 'ޓެރަރިސްޓް ޖަމާއަތުގެ" މީހުން ކަމަށާއި, އިޒްރާއިލް އަސްކަރިއްޔާއާ ދެކޮޅަށް ދިން ހަމަލާތަކުގައި އެމީހުން ބައިވެރިވެފައިވާކަމަށެވެ. އަދި ނޫސްވެރިންގެ އަތުން ފެނިފައިވާ ޑްރޯން އަކީ އޭގެ ހެއްކެއްކަމަށްވެސް ބުނެފައެވެ. ނަމަވެސް ވޮޝިންގްޓަން ޕޯސްޓުން ކުރި ތަޙްޤީގަކަށް ހާމަވެފައިވާ ގޮތުގައި އެއީ ނޫސްވެރިކަމުގެ މަސައްކަތަށް އެމީހުން ބޭނުންކޮށްފައިވާ އެއްޗެއްކަން ވަނީ އެނގިފައެވެ.

"ޑްރޯން ބޭނުންކޮށްގެން އެމީހުން ހުރީ ކުޑަކުދިންނާއި އެހެންމީހުންވެސް އިމާރާތްތަކުގެ އަޑިން ސަލާމަތްކުރާ މަންޒަރު ރެކޯޑްކޯށްފަ. އޭގަ އަސްކަރީ އެކައްޗެއްވެސް ނެތް. ހަމައެނި ހުރީ ނޫސްވެރިކަމާ ގުޅޭ މަސައްކަތް" ވޮޝިންގްޓަން ޕޯސްޓްގެ ތަޙްޤީގައި ވެއެވެ.

ހަމްޒާ މަރާލުމުގެ ކުރިން އިޒްރާއިލްއިން ވަނީ ޣައްޒާގެ އަލްޖަޒީރާގެ ބިއުރޯ ޗިފް, ވައެލް ދަދޯޙްގެ އާއިލާގެ އެހެން މެމްބަރުންތަކެއް އޮކްޓޯބަރު މަހުވެސް މަރާލާފައެވެ. އެއީ އޭނާގެ އަންހެނުންނާއި 15 އަހަރުގެ ފިރިހެން ދަރިފުޅާއި, 7 އަހަރުގެ އަންހެން ދަރިފުޅު އަދި ކާފަ ދަރިއަކު ހިމެނޭހެންނެވެ.

 

މީޑިއާގެ ޢުމްރާނީ ވަޞީލަތްތައްވެސް ހަލާކުކުރި:

އިޒްރާއިލްގެ ހަމަލާތައް ހަމައެކަނި އަމާޒުވީ ނޫސްވެރިކަމުގައި ހަރާކާތްތެރިވާ ފަރާތްތަކަކަށް ނޫނެވެ. އެމީހުން މަސައްކަތްކުރާ އޮފީސް އިމާރާތްތަކަށްވެސް މެއެވެ.

ޣައްޒާއަށް ހަމަލާދޭން ފެށިތާ އެންމެ ކުރީކޮޅު އިޒްރާއިލްގެ މައިގަނޑު އަމާޒަކީ އުސް އިމާރާތްތަކެވެ. އެއީ އެތަންތަނުގައި މީޑިއާތަކުގެ ގިނަ އޮފީސްތަކެއް ޤާއިމްކޮށްފައި ހުރި އިމާރާތްތަކެވެ.

"އެމީހުން ވަކިވަކި ޓަވަރުތަކަށް ޙާއްޞަކޮށް ހަމަލާދިން. އެތަންތަނުގައި ގާއިމްކޮށްފައިހުރި 80 އާ 100 އާ ދެމެދުގެ ހުރިހާ މީޑިއާ އޮފީސްތަކެއް ވަނީ ހަލާކުކޮށްލާފަ" އޮތްމާން ބުނެފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން އިޒްރާއިލްއިން ދަނީ ނޫސްވެރިން ޣައްޒާ ދޫކޮށް ދިއުމަށް މަޖުބޫރު ކުރަމުން ކަމަށާއި, ބޭނުންކުރެވޭ ޙާލަތުގައި ހުރި ބައެއް މީޑިއާ އޮފީސްތަކުގެ މަސައްކަތް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާ ކަމުގައިވެސް އޮތްމަން ބުނެފައިވެއެވެ.

15 ނޫނީ 16 ރޭޑިއޯ ސްޓޭޝަން ޣައްޒާގައި ހުރި ނަމަވެސް އެހުރިހާތަނެއް މިހާރު ހުރީ ހުއްޓިފައެވެ.

 

އިޒްރާއިލްގެ ލަނޑުދަނޑި އަޑު ކަނޑުވާލުން:

7 އޮކްޓޯބަރުން ފެށިގެން ޣައްޒާއަށް އެއްވެސް ބޭރުގެ ނޫސްވެރިއަކަށް އެރެތެވުމުގެ ހުއްދައެއް ނެތެވެ. އެހެންކަމުން ފަލަޞްޠީނުގެ ނޫސްވެރިން ވަނީ ފުރާނަ އަތްމައްޗަށް ލައިގެން, އެތައް ނުރައްކަލަކާ ކުރިމަތިލައިގެން ނަމަވެސް ފަލަޞްޠީނުގައި ހިންގަމުން ގެންދާ އުދުވާނު ބައިނަލްއަގުވާމީ ދުނިޔެއަށް ދައްކައިދިނުމަށް ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައެވެ. ބައެއް ނޫސްވެރިން އާއިލާއާއި ލޯބިވާ އެތައްބަޔަކު މި ހަނގުރާމައިގައި އެމީހުންނާ ވަކިވެފައި ވީނަމަވެސް އެމީހުން ދަނީ އަދިވެސް ހިތްވަރުކުރަމުންނެވެ.

އަނެއްބައި ނޫސްވެރިން ވަނީ އެމީހުންގެ ކެމެރާތައް ދިއްކޮށްލަން ޖެހިލުންވެފައެވެ. ސަބަބަކީ ކެމެރާ ދިއްކޮށްލާ ކޮންމެ ފަހަރަކީ އިޒްރާއިލްގެ އަމާޒަކަށްވެ އެނޫސްވެރިޔާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ވަގުތުކޮޅެކެވެ. 

އެހެންކަމުން އިޒްޜާއިލްގެ އަމާޒަކީ އެމީހުން ހިންގާ ޖަރީމާގެ އަޑުކަނޑުވާލާ, އެމަންޒަރު ހާމަވިޔަ ނުދިނުންކަން ވަރަށް ސާފެވެ. އޭގެބަދުލުގައި އެމީހުންގެ ލަނޑުދަނޑިއަކީ ހަޤީގަތުގެ މައްޗަށް, އިޒްރާއިލްއިން ކުރައްސާ ވާހަކައިގެ މަންޒަރު ކުލަގަދަކުރުމެވެ. ނުރަނގަޅު މައުލޫމާތު ފެތުރުމެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow