ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކޮށް، ބަޑި ހަވާލުކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ހަވީރު ގިރިފުށީ ހެވިކަމުގެ މައިދާނުގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދުއެވެ. އަދި ހުވާކުރުމަށްފަހު ދަރިވަރުންނާ ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މި ތަމްރީނު ކޯސްތަކަކީ 2026 ވަނަ އަހަރުގެ މާރިޗު 7 އިން ޖޫން 11 އަށް ކުރިއަށް ގެންދިޔަ ކޯސްތަކެކެވެ. މީގެ ތެރެއިން 72 ވަނަ ބެޗުގެ ތަމްރީނުތައް އައްޑޫ ސިޓީގައި ހުންނަ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑްގެ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދިޔައިރު، 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ކ. ގިރިފުށީގައެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުމަށް ބާއްވާ ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރި ހަށިހެޔޮ ސިފައިންތަކެއް ބިނާކުރުމެވެ.
މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، އެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. މި މަޝްރޫޢަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ދަށުން ހިންގޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ގިރިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިއީ ސިފައިންގެ ތަމްރީނުތަކަށް ބޭނުންވާ ވަޞީލަތްތައް ތަރައްޤީކޮށް، އަސްކަރިއްޔާގެ ހުނަރުވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ރިއެކްޝަންސް





