ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެނީ، ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެނީ، ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

4 hours ago - 16:51
Advertisement
Advertisement

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.


އެޗްޕީއޭއިން ވިދާޅުވީ، ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އެގޮތުން، ގިނަގިނައިން ފެނާއި، ލޮނުޕެކެޓް އަދި ސޫޕް ފަދަ ފައިދާހުރި ދިޔާތަކެތި ބޭނުންކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.


މި ރޯގާއާ ގުޅިގެން ނުރައްކާތެރި އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށްވެސް އެ އެޖެންސީން ވަނީ އެދިފައެވެ. އޭގެ ތެރޭގައި:

މާބޮޑަށް ވަރުދެރަވެ، ދިޔާތަކެތި ބޭނުންނުކުރެވުން
ގިނަގިނައިން ހޮޑުލެވި، ބޮލަށް އެނބުރުން އެރުމާއި އާދަޔާ ޚިލާފަށް ކަރުހިއްކުން
އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން
ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
ކުޑަކަމުދެވޭ މިންވަރު މަދުވުން

މީގެއިތުރުން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޒާތީ ސާފުތާހިރުކަމަށް އިސްކަންދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެގޮތުން ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި، ފާޚާނާ ބޭނުންކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާޚާނާ ފަދަ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.


އަދި ބަލިޖެހިފައިވާ މީހުންގެ ކިބައިން އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި، ބަލީގެ އަލާމާތްތައް ފިލައިދިޔަތާ މަދުވެގެން 24 ގަޑިއިރު ވަންދެން ކުޑަކުދިން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުން ވެސް ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement