މި ސަރުކާރުން ރައްޔިތުންނަށް ގޯތި ދޭނީ ގިރާވަރުފަޅުން، "ގިރާވަރުކަނޑަކުން" ނޫން: މެންބަރު އިއްބެ

މި ސަރުކާރުން ރައްޔިތުންނަށް ގޯތި ދޭނީ ގިރާވަރުފަޅުން، "ގިރާވަރުކަނޑަކުން" ނޫން: މެންބަރު އިއްބެ

2 hours ago - 13:44
Feb 12, 2026 - 13:54

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ގޯތި ދޫކުރާނީ ގިރާވަރުފަޅުން ކަމަށާއި، އަދި "ގިރާވަރުކަނޑުން" ނޫން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.

މެންބަރު އިއްބެ މިހެން ވިދާޅުވެފައިވަނީ، އެމްއެމްޓީވީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށްވާ " ރިޔާސީ ބަޔާން" ގައި ވާހަކަދައްކަވަމުންނެވެ.

މިދިޔަ ސަރުކާރުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، ނުހިއްކާ އޮތް ފަޅުތަކުން ރައްޔިތުންނަށް ގޯތި ދޫކުރުމާ ގުޅިގެން، އާންމުންގެ މެދުގައި ބޮޑު މާޔޫސްކަމެއް އުފެދުނެވެ. ގިނަ ބަޔަކު ތިބީ އެމީހުންނަށް ދޫކުރި ގޯތިތައް ހަގީގަތަކަށްވެ، ބިން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި އެކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން، ވުޖޫދުގައި ނެތް ބިންތަކުގެ ތަސައްވަރު ހަގީގަތަކަށް ހަދައި، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ގޯތިތައް ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމި، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ވަމުންދާ މަންޒަރު ފެންނަމުން ދެއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިނގަމުންދާ ކަމަށާއި، ސަރުކާރުން ކުރަމުންދާ މި މަސައްކަތްތައް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް މެންބަރު އިއްބެ ވިދާޅުވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވަމުންދާ ކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ގޮތަށް ފާޑުވިދާޅުވަމުން އިއްބެ ވިދާޅުވީ ގިރާވަރުފަޅަކީ ކަނޑު އަޑިން ގޯތި ދީފައިހުރި ތަނެއް ކަމަށެވެ.

"ގިރާވަރުފަޅަކީ ހަގީގަތުގައި ކަނޑު އަޑިން ގޯތި ދޫކޮށްފައިވާ ތަނެއް. ގޯތިތައް ދީފައި އެވަނީ ގިރާވަރު ކަނޑުގެ ތެރެއިން، އާންމުކޮށް ޑައިވިންއަށްވެސް ނުދާހާ ފުންމިނުން. ގާތްގަނޑަކަށް 30 މީޓަރަށްވުރެ ފުން ސަރަހައްދުތަކުން ގޯތި ދީފައިވާއިރު، އެފަދަ ތަނެއް ހިއްކައިގެން ބިމެއްގެ ގޮތުގައި ތަރައްގީކުރަން ކިތައް މިލިއަން ރުފިޔާ ހަރަދުވާނެތޯ. މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން އޮތް ހަގީގަތެއް، މިއީ އޮޅުވާލެވޭނެ ކަމެއް ނޫން،" އިއްބެ ވިދާޅުވިއެވެ.

               

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ އިންތިޚާބުތަކުގެ ތެރޭގައި، ލޯންޗުފަހަރުގައި މީހުން ގެންގޮސް ކަނޑުން ގޯތި ދިން ތަންތަން މިއަދުވެސް އޮތީ އެގޮތަށް ކަމަށެވެ. 

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން 63 ހެކްޓަރުގެ ބިން އެންމެ ދެ މަސްދުވަހުގެ ތެރޭގައި ހިއްކައި ނިންމާލާފައިވާއިރު، މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ މަސައްކަތް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކުރިއަށްދިޔަ މަސައްކަތެކެވެ. މި ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 698 ގޯތީގެ ގުރުއަތުލުންވެސް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެތަނުން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow