ޕީއެންސީގެ މެމްބަރުންގެ އަދަދު 78،000 އަށްވުރެ މައްޗަށް!
ރާއްޖޭގައި މިވަގުތު އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށްވާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ އަދަދު 78،505 އަށް އަރައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އެންމެ ފަހުގެ ތަފްސީލު ހިއްސާކުރަމުން އިލެކްޝަންސް ކޮމިޝަނުން މި އަދަދު ހާމަކޮށްފައިވާއިރު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ޕާޓީގެ މެމްބަރުންގެ އަދަދު 77،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ.
އީސީގެ ވެބްސައިޓުގައި އެންމެ ފަހުން އަދާހަމަކޮށްފައިވާ މިދިޔަ ޖޫން މަހުގެ ނިޔަލުގެ ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ޕީއެންސީގައި ރަޖިސްޓްރީވެފައި ތިބީ 67،579 މެމްބަރުންނެވެ. އެހެންކަމުން ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އަލަށް 10،926 މެމްބަރުން ވަނީ އެ ޕާޓީއާ ގުޅިފައެވެ. މި ކުރިއެރުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މާލެއާއި އަތޮޅުތަކުގައި ފެށި މެމްބަރުން އިތުރުކުރުމުގެ ބޮޑު ކެމްޕޭނުގެ ދަށުން ލިބުނު ކާމިޔާބީއެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައިވާއިރު، ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބީ 55،399 މެންބަރުންނެވެ. އަދި ތިންވަނައިގައި އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ތިބީ 10،401 މެމްބަރުންނެވެ.
ރިއެކްޝަންސް

