ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމަށް މީރާއިން އަންގައިފި
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އެންމެ ފަހުގެ އިސްލާހުގެ ދަށުން، 'ޑެސްޓިނޭޝަން ޕްރިންސިޕަލް' އާ އެއްގޮތަށް މި ޓެކްސް ނެގުމަށް ކަނޑައަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް މީރާއިން މިހާރު ފަށާފައިވާއިރު، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބުކިންގ ޕްލެޓްފޯމުތަކާއި، ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން ފަދަ ފަރާތްތަކުން ރާއްޖޭގައި ދޭ ޚިދުމަތްތަކަށް ޖީއެސްޓީ ދައްކަން ޖެހޭނެއެވެ.
މީރާއިން ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެތެރޭގައި ޚިދުމަތް ދޭ ކަމަށް ބަލާނެ ކަންކަމުގެ ތެރޭގައި ރާއްޖެއަށް ކުރާ ދަތުރުތަކާއި، ފަތުރުވެރިންނަށް ހަމަޖައްސައިދޭ ކެއިންބުއިމާއި ހުރުމުގެ އިންތިޒާމުތައް ހިމެނެއެވެ. އެހެންކަމުން، ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްގެން މަސައްކަތް ކުރި ނަމަވެސް، މިފަދަ އެއްވެސް ޚިދުމަތެއް ރާއްޖޭގައި ފޯރުކޮށްދޭނަމަ ޖީއެސްޓީ ދައްކަން ލާޒިމުވާނެއެވެ.
ޖީއެސްޓީއަށް ރަޖިސްޓްރީވާންޖެހޭ ފަރާތްތަކުގެ ތެރޭގައި:
ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން
އޮންލައިން ޓްރެވަލް އެޖެންސީތަކާއި ބުކިންގ ޕްލެޓްފޯމްތައް
ބެޑް ބޭންކުތަކާއި އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައް
ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކާއި ޗާޓަރު އޮޕަރޭޓަރުން
އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ގުޅޭ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތްދޭ އެހެނިހެން ފަރާތްތައް
މީރާއިން ހާމަކުރި ގޮތުގައި، ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ވާންޖެހޭނީ މީރާގެ ވެބްސައިޓުގައިވާ ޚާއްސަ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީވުމުން ޖީއެސްޓީ ޓިން (TIN) ނަންބަރު ހިމެނޭ ސެޓްފިކެޓް ދޫކުރުމުގެ އިތުރުން، މީރާ-ކަނެކްޓް މެދުވެރިކޮށް ޓެކްސްގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކައުންޓެއް ހަމަޖެހިގެންދާނެއެވެ. އަދި ރަޖިސްޓްރީވުމުގެ މަރުހަލާތައް ބަޔާންކޮށްދޭ ގައިޑެއް މިހާރު ވަނީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
މީގެ އިތުރުން، މިކަމާ ގުޅޭގޮތުން އުފެދޭ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދިނުމަށްޓަކައި މީރާއިން ވަނީ ޚާއްސަ އީމެއިލް އެޑްރެހެއް (internationalhelpdesk@mira.gov.mv) ތައާރަފުކޮށްފައެވެ.
ރިއެކްޝަންސް





