ރިސޯޓުތަކުގެ އާމްދަނީން 40 އިންސައްތަ މާރުކުރަން ޖެހުމަކީ މާކުރިން ގެންނަންޖެހޭ ބަދަލެއް: އަދުރޭ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނެވުނު ބަދަލަކީ މީގެ އެތައް ޒަމާނެއް ކުރިން ގެންނަންޖެހިފައިވާ ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖެއަކީ ބޭރު ފައިސާ ގިނައިން ވަންނަ ގައުމަކަށް ވިޔަސް، މީގެ ކުރިން އެ ފައިސާ ބޭރުވެގެން ދިޔައީ ދައުލަތަށާއި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކޮށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ގުދުރަތީ ވަސީލަތްތައް ވިއްކައިގެން ލިބޭ އާމްދަނީގެ ފައިދާ ރައްޔިތުންނަށް ލިބެންޖެހޭނެކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ކަޅުބާޒާރުގައި 22 ރުފިޔާއަށް އެރި ޑޮލަރުގެ އަގު މިހާރު 19 ރުފިޔާއަށް ތިރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު އިތުރަށް ދަށަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ އަދި އެހެނިހެން ސިޔާސަތުތަކަށް އާންމު ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޕީއެންސީގައި ތިބި 3،000 އެއްހާ މެންބަރުންގެ އަދަދު މިއަދު 77،000 އަށް ވުރެ މައްޗަށް އަރައިގެން ދިޔައީ ރައީސްގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނާތީ ކަމަށެވެ.
އަދި ސަރުކާރުން އަޅަމުންދާ ރަނގަޅު ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި، އެކަންކަން ރައްޔިތުންނަށް ގޯސްކޮށް ދައްކަން މަސައްކަތް ކުރަނީ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ކަމަށްވެސް އަބްދުއްރަހީމް ތުހުމަތުކުރެއްވިއެވެ. އެހެންނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅުގައި އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް ފައިދާއާއި ލާބަ ހޯދައިދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް

