ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމަނުއްވައިފި
މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ނިންމެވި ނިންމެވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެމަނިކުފާނު ނެރުއްވި ނަންބަރު 9/2024 ޤަރާރުގައިވާ ގޮތުން، ރ. ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މީގެކުރިން 2020 ވަނަ އަހަރު ހުޅުދުއްފާރުގެ އިޚްތިޞާޞް ކަނޑައެޅިއިރު ގާއުނޑޫދޫ އެ ރަށުގެ ދަށުގައި އޮތް ނަމަވެސް، 2021 އޮގަސްޓް 25 ގައި އޭރުގެ ސަރުކާރުން ވަނީ ސިނާޢީ ބޭނުމަކަށްޓަކައި އެ ރަށް ހުޅުދުއްފާރުގެ އިޚްތިޞާޞްއިން އުނިކޮށްފައެވެ. އޭގެ ފަހުން އެ ރަށް ބޭނުންކުރަމުން އައީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ބެލުމުގެ ދަށުން ސިނާޢީ މަސައްކަތްތަކަށެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ގެންނެވި ބަދަލާއެކު، ގާއުނޑޫދޫ އަލުން ހުޅުދުއްފާރު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވެ، އެ ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ވަނީ ހިމެނިފައެވެ. މިއީ ރަށްރަށުގެ އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި މުހިންމު ނިންމެވުމެކެވެ.
ރިއެކްޝަންސް



