ސިނަމާލެ ބްރިޖު ދަށުން އޮޔާދިޔަ ތެޔޮ އުފުލާ ދެ ބޯޓު އަޑިއަށް ގޮސްފި
މާލޭ ބަނދަރުގައި އަޅާފައި އޮއްވައި ރޭގެ ވަގުތެއްގައި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖު ދަށުން އޮޔާދިޔަ ތެޔޮ އުފުލާ ދެ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ގޮތުގައި، ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ މި ދެ ބޯޓު ބްރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް، ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވެ އޭގައި ތިބި 9 ފަޅުވެރިން ސަލާމަތްކޮށްފައެވެ. އަދި މި ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ދެ ބޯޓަކީ ވަރަށް ބޮޑަށް ބާވެފައިވާ ދެ އުޅަނދަށް ވުމާއެކު، ބޯޓަށް ދިޔަވެ، މާލެ އަތޮޅުގެ އިރުން ރާއްޖޭގެ ސަރަހައްދީ ރޮނގުން ބޭރަށް ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރަށް މިރޭގެ ވަގުތެއްގައި ވަނީ އަޑިއަށް ގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބޯޓުތައް ބްރިޖު ދަށުން ދިޔުމާ ގުޅިގެން ބްރިޖު އިމާރާތްކުރި ޗައިނާގެ ސެކަންޑް ހާބަރު އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރޭގައާއި މިއަދު ހެނދުނު ބްރިޖުގެ ހާލަތު ބަލައި އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
އިންސްޕެކްޝަނަށް ފަހު މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ބްރިޖުގެ މައިގަނޑު ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ލިބިފައިވަނީ ހަމައެކަނި ބޭރުގެ މަތީ ފަށަލައަށް ލިބުނު ކުދިކުދި ސްކްރެޗްތަކެއް ކަމަށާއި، ޗައިނާގެ ހިލޭ އެހީގެ ދަށުން ވެވިފައިވާ މަރާމާތާއި ބެލެހެއްޓުމުގެ އެއްބަސްވުމުގެ ދަށުން އެސްއެޗްއީސީން އެ ބައިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޝަންސް





