ކައުންސިލްތައް ވަކި ސަރުކާރެއްގެ ގޮތުގައި ހަދައިގެން ގައުމު ބައިބައިކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި: މެންބަރު އިއްބެ

ކައުންސިލްތައް ވަކި ސަރުކާރެއްގެ ގޮތުގައި ހަދައިގެން ގައުމު ބައިބައިކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި: މެންބަރު އިއްބެ

2 hours ago - 22:27
Aug 23, 2026 - 22:29

ކައުންސިލްތައް ވަކި ސަރުކާރެއްގެ ގޮތުގައި ހަދައިގެން މުޅި ގައުމު ބައިބައިކުރުމަށްޓަކައި ކުރަމުންދިޔަ މަސައްކަތްތައް ނާކާމިޔާބުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.


މެންބަރު އިއްބެ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ ބަހުސްގައި މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.


މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށާއި، ރާއްޖޭގެ ރަށްތައް ތަރައްގީކޮށް ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި މި ސަރުކާރުން ބިންތަކަށް އެދުމުން ބައެއް ކައުންސިލްތަކުން އަމަލުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.


"ރައްޔިތުންނަށް ކަންކަން ކޮށްދޭންވެގެން މި ސަރުކާރުން، ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ބޭނުންވާތީވެ އަދި ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާތީވެ، ބިންތަކަށް އެދެމުން ދިޔައީމަ ކީކޭތޯ ވިދާޅުވަނީ. ކައުންސިލްތަކުން ބުނަނީ ތިމަންނަމެން މި ސަރުކާރު ބަލައެއް ނުގަންނަމޭ، ތިމަންނަމެންގެ ސަރުކާރަކީ ވަކި ސަރުކާރެކޭ، ކައުންސިލަކީ ވަކި ކައުންސިލެކޭ ކިޔައިގެން މުޅި ރާއްޖެ ބައިބައި ކުރުމަށްޓަކައި އެބޭފުޅުން ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވެގެން ދިޔަކަން،" މެންބަރު އިއްބެ ވިދާޅުވިއެވެ.


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އިސްލާހަކީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށްޓަކައި ކައުންސިލްތަކުގެ އިހުތިސޯސްގައިވާ ބިންތަކާއި ސަރަހައްދުތައް ސަރުކާރުގެ ބޭނުންތަކަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލިސް (ކެބިނެޓް) އަށް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.


މި ގަވައިދަށް އިސްލާހު ގެނައީ ވީހާވެސް ގިނަ ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. އެގޮތުން  އެއް ޕެޓިޝަންގައި 2،300 އަށްވުރެ ގިނަ ރައްޔިތުން ސޮއިކޮށްފައިވާއިރު، އަނެއް ޕެޓިޝަންގައި 10،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ސޮއިކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow