މި ސަރުކާރުގެ ފުރަތަމަ ފްލެޓްތައް 2028 ވަނަ އަހަރު ހަވާލުކުރަނީ: ޑިސެމްބަރުގައި ދާއިމީ ލިސްޓު އާންމުކުރަނީ

މި ސަރުކާރުގެ ފުރަތަމަ ފްލެޓްތައް 2028 ވަނަ އަހަރު ހަވާލުކުރަނީ: ޑިސެމްބަރުގައި ދާއިމީ ލިސްޓު އާންމުކުރަނީ

2 hours ago - 22:12
Advertisement
Advertisement

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތަކުގެ އަމަލީ މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެތަންތަން ހައްގުވެރިންނާ ހަވާލުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.


ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި ސޮއިކުރުމަށްފަހު އަމަލީ މަސައްކަތާ ހަމައަށް ދިއުމުގެ ކުރިން ތިމާވެށީގެ ނުރައްކާ ވަޒަންކުރާ ރިޕޯޓް (އީއައިއޭ) ހެދުމާއި، އިދާރީ ހުއްދަތައް ނެގުން ފަދަ ގިނަ މަރުހަލާތަކެއް ފުރިހަމަކުރަންޖެހޭ ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ގައި އިމާރާތްކުރާ ފްލެޓުގެ ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ފޭސް 2 ގެ މަޝްރޫއު އޮތީ ޑިޒައިން އެޕްރޫވަލަށްފަހު އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިދިޔަ ޖޫން 15 އަށް ހަމަވިއިރު، "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި އާންމުކުރެވޭނެ އެވެ.


މިހާރު ކުރިއަށްދާ ފޯމުތަކުގެ ކްރޮސް-ވެރިފިކޭޝަން މަރުހަލާގައި، ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކުން ލިބޭ މައުލޫމާތާއި ފޯމުގައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއްވާނަމަ، އެކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެންގޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެފަދަ ފުށުއެރުންތައް އިސްލާހުކުރުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. މިކަމާ ގުޅިގެން ނާޒިމް ވަނީ އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ޕޯޓަލް ގަވާއިދުން ޗެކްކޮށް މައުލޫމާތު އިސްލާހުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. ސިޓީ ނުވަތަ އީމެއިލްގެ ބަދަލުގައި ހުރިހާ މުއާމަލާތެއް ޕޯޓަލް މެދުވެރިކޮށް ކުރުމުން މައްސަލަތައް އަވަހަށް ހައްލުވެ، އެޕްލިކަންޓުންގެ ހައްގުތައް ރައްކާތެރިކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.


ސަރުކާރުގެ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4,000 ފްލެޓު އެޅުމަށް އެގްޒިމް ބޭންކާއެކު ފައިނޭންޝަލް ޓާމްސްގެ އެންމެ ފަހުގެ މަރުހަލާގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން މާލެ ސަރަހައްދުގައި 5,000 ފްލެޓުގެ އިތުރު މަޝްރޫއެއް ހިންގުމުގެ އިދާރީ މަސައްކަތްތައްވެސް ކުރިއަށްދާއިރު، މި އަހަރުގެ ތެރޭގައި ޖުމްލަ 13,000 ޔުނިޓުގެ މަސައްކަތް މާލެ ސަރަހައްދުގައި ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.


މި މަޝްރޫއުގެ ދަށުން ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 1,500 ފްލެޓު، އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ. މީގެ އިތުރުން، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހިއްކަމުންދާ ރަސްމާލެއިން 25,000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި އެތަނުން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement