
200 އަށްވުރެ ގިނަ ދަރިވަރުންނާއެކު ގާބެގެ އެސް.އެސް.ސީ އިސްލާމް ސްޓަޑީ ކޭމްޕް ފަށައިފި
މިއީ އެސް.އެސް.ސީ އިސްލާމް އިމްތިހާނު ހަދާ ދަރިވަރުންނަށް އެހީއެއްގެ ގޮތުން 2021 އިން ފެށީގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކޭމްޕެއް.
އެސް.އެސް.ސީ އިސްލާމް މާއްދާގެ އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން މަޝްހޫރު އިސްލާމް މުދައްރިސް، ގާސިމް މުޙައްމަދު ހިންގާ އެސް.އެސް.ސީ އިސްލާމް ކޭމްޕް 200 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށާފައިވާ ކަމަށް ގާބެ އިންސްޓިޓިއުޓުން ވިދާޅުވެއްޖެއެވެ.
އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން ގާބެ އިންސްޓިޓިއުޓްގެ ޗެއާމަން ގާސިމް މުޙައްމަދު، ގާބެ ސަރ ވިދާޅުވީ މިފަހަރުގެ ކޭމްޕް ކުރިއަށް ގެންދިޔައީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް އަމާޒު ކޮށްގެން އޮންލައިން ކޮށް ކަމަށެވެ.
ގާސިމް ވިދާޅުވީ މި ކޭމްޕަކީ މިއަހަރު އޮންނަ އެސް.އެސް.ސީ އިމްތިހާނުގައި އިސްލާމް މާއްދާ ހަދާ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ވިސްނުން ގެންގުޅެންވީ ގޮތްތައް ކިޔައިދީ އިމްތިހާނުގައި މަތީ މާކުހެއް ހޯދުމަށް އެހީއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ ކޭމްޕެއް ކަމަށެވެ.
އެގޮތުން އިމްތިހާނުގައި ކުރިމަތިވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި ދަރިވަރުން ވިސްނުން ގެންގުޅެންޖެހޭނެ ނުކުތާތަކާއި ދޭހައާއި ދިރާސާ ފެންވަރުގެ ސުވާލުތަކަށް ޖަވާބު ދޭންޖެހޭ ގޮތްތަކަށް އަލިއަޅުވާލާ ކަމަށެވެ.
"ޚާއްސަ ގޮތެއްގައި ދޭހައިގެ ސުވާލްތަކަށް ޖަވާބު ދިނުމުގައި ވިސްނަންޖެހޭނެ ނުކުތާތަކާއި ދިރާސާގެ ސުވާލު ހުންނާނެ ގޮތްތަކާއި އެ ސުވާލުގެ ކީޕޮއިންތްތައް ދެނެގަންނާނެ ގޮތް އަދި ޖަވާބު ދިނުމުގައި ވިސްނަންޖެހޭނެ ނުކުތާތައް ދަރިވަރުންނަށް އޮޅުންފިލުވަދީ ކިޔައިދެވޭނެ" ގާބެ އިންސްޓިޓިއުޓްގެ ޗެއާމަން ގާސިމް މުޙައްމަދު ވިދާޅުވިއެވެ.
ގާބެ އިންސްޓިޓިއުޓްއިން ވިދާޅުވީ މިއީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރުވެސް ހިންގަމުން އަންނަ ކޭމްޕެއް ކަމަށާއި ކޮންމެ އަހަރަކުވެސް 150 އާއި 200 އާ ދެމެދު އަދި ބައެއް އަހަރުތަކުގައި އެއަށްވުރެ ގިނަ ދަރިވަރުންވެސް ބައިވެރިވާ ކޭމްޕެއް ކަމަށެވެ.
ގާބެ އިންސްޓިޓިއުޓުން ވިދާޅުވި ގޮތުގައި މި ކޭމްޕަކީ ކޮންމެ އަހަރަކުވެސް ކާމިޔާބުކަމާއެކު ހިންގާ ކޭމްޕެއް ކަމަށާއި އެކަމުގެ ހެއްކަކީ ކޭމްޕްގައި ބައިވެރިވާ ދަރިވަރުން އެސް.އެސް.ސީގައި ހޯދާ ރަނގަޅު ނަތީޖާ ކަމަށެވެ.
އެ އިންސްޓިޓިއުޓުން ވިދާޅުވި ގޮތުގައި މިއަހަރުގެ އެސް.އެސް.ސީ އިމްތިހާނު ފެށެން ތިން ދުވަހަށް ވުމުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ހުޅުވާލައިގެން އޮންލައިން ފޯރަމެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ. އަދި އެ ފޯރަމްގައި ރާއްޖޭގައި ތިބި ފުންނާބު އުސް ބޭފުޅުން އެ ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ގާބެ އިންސްޓިޓިއުޓުން ވިދާޅުވިއެވެ.
ގާބެ އިންސްޓިޓިއުޓުން ވިދާޅުވީ އެ ފޯރަމްގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކުރާ ސްކޫލްތަކަކަށް ކަމަށާއި އެ ފޯރަމަކީ އެއްވެސް އަގަކާ ނުލައި ހިލޭ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ފޯރަމެއް ކަމަށެވެ.
ގާބެ އިންސްޓިޓިއުޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޯލެވެލް ހަދާ ދަރިވަރުންނަށް ޚާއްސަކޮށް އިސްލާމް މާއްދާ ހަދާ ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން "އެސް.އެސް.ސީއަށް އެހީއެއް" އަދި "އިސްލާމް ސްޓަޑީ ކޭމްޕް" ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.
މީގެ އިތުރުން ގާބެ އިންސްޓިޓިއުޓުގެ ޗެއާމަން ގާސިމް މުޙައްމަދު ވަނީ އެސް.އެސް.ސީ އިސްލާމް މާއްދާއަށް ތައްޔާރުވާ ދަރިވަރުންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން 2 ފޮތެއްވެސް ތައްޔާރުކޮށް ދަރިވަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
ރިއެކްޝަންސް






