
ކޯޓުއާގެ އެނބުރިއައުމަށް "ރަތްދޫލައިގެ" މަރުހަބާއެއް ކިޔާތީ ކީޕަރު ކަސްޓީލްސް ބެލްޖިއަމްގެ ޤައުމީޓީމުން ވަކިވެއްޖެ
ބެލްޖިއަމް ޤައުމީޓީމުގެ ކުރީގެ އެއް ނަމްބަރު ކީޕަރު ތިބޯޓް ކޯޓުއާ އެނބުރި ޓީމާ ގުޅުމަށް ޓީމުން އޭނާއަށް "ރަތްދޫލައިގެ މަރުހަބާއެއް" ކިޔަން ތައްޔާރުވާކަމަށްބުނެ އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުން މިހާރުގެ ކީޕަރު ކޮއެން ކަސްޓީލްސް ޤައުމީ ޓީމުން ވަކިވެއްޖެއެވެ.
ކަސްޓީލްސްއަކީ ފާއިތުވި ދޮޅު އަހަރު ބެލްޖިއަމްގެ ޤައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ބެލްޖިއަމް ތަމްސީލު ކުރި ފަރާތެވެ. އެއީ ކުރީގެ ކޯޗު ޑޮމެނީކޯ ޓެޑެސްކޯގެ އިރުޝާދުގެ ދަށުން ކުޅެން ތިބޯޓް ކޯޓުއާ ދެކޮޅުހަދާ ޓީމު ދޫކޮށް ދިއުމަށްފަހުއެވެ.
ބެލްޖިއަމްއިން ފާއިތުވި ޖެނުއަރީ މަހު ވަނީ ފްރާންސްގެ ރުޑީ ގާސިއާ ބެލްޖިއަމްގެ ޤައުމީ ޓީމުގެ ކޯޗުގެ މަޤާމަށް ހަމަޖައްސާފައެވެ. ގާސިއާ އައްޔަނުކުރުމާއެކު ކޯޓުއާ ވަނީ އޭނާ އެނބުރި ޤައުމީޓީމާ ގުޅެން ތައްޔާރަށް ހުރިކަން ހާމަކޮށްފައެވެ.
"ފުޓްބޯޅަ އެސޯސިއޭޝަނުން 180 ޑިގްރީއަށް ބަދަލުވެ, ރަތްދޫލައިގެ މަރުހަބާއަކާއެކު އޭނާގެ އެނބުރި އައުމަށް ދެއަތް ހުޅުވާލައިގެން މަރުހަބާ ކިއުމަކީ ބަލައިގަންނަށް ފަސޭހަކަމެއް ނޫން" ބެލްޖިއަމްގެ ޕޮޑްކާސްޓް މިޑްމިޑްއަށް އަށް އާދިއްތަދުވަހު ކަސްޓީލްސް ބުނެފައިވެއެވެ.
ކޯޓުއާ ކުރީގެ ކޯޗު ޓެޑެސްކޯ އާ މައްސަލަ ޖެހި އެނާގެ އިރުޝާރުގެ ދަށުން ކުޅެން ދެކޮޅުހެދީ 2023 ވަނަ އަހަރު ކެޕްޓަން ބޭންޑާ ގުޅިގެން އުފެދުނު މައްސަލަތަކުގެތެރޭގައެވެ. އެހެންކަމުން ފާއިތުވި އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯގައި ބެލްޖިއަމްގެ ގޯލް ބެލެހެއްޓީވެސް ކަސްޓީލްސްއެވެ. މުބާރާތުގެ ގަދަ 16 އިން ބެލްޖިއަމް ވަނީ ކަޓާފައެވެ.
ކަސްޓީލްސް އޭނާގެ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ބުންޑަސްލީގާގައެވެ. ނަމަވެސް މިހާރު ކުޅެމުން އަންނަނީ ސައުދީ އެރޭބިއާގައެވެ.
ބެލްޖިއަމްގެ ޤައުމީ ޓީމަށް މިހާތަނަށް 102 މެޗު ކުޅެދިން 32 އަހަރުގެ ކޯޓުއާއަކީ ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ގާސިއާ ޤައުމީޓީމާ ހަވާލުވުމަށްފަހު ކޯޓުއާ ވަނީ މިދިޔަ މަހު ގާސިއާ އާ ބައްދަލުކޮށް އޭނާ އެނބުރި އައުމަށް ތައްޔާރަށް ހުރިކަމަށް ބުނެފައެވެ.
ކޯޓުއާގެ އެނބުރި އަންނަށް ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހިފައި ހުރި ކަސްޓީލްސް ބުނެފައިވަނީ ކޯޓުއާއަށް އަމިއްލައަށް އޭނާ ޤައުމީޓީމަށް އެނބުރި އަންނަން ނިންމިދާނެކަމަށް ޤަބޫލުނުކުރާކަމުގައެވެ. "ކޮންމެހެން އޭނާއާ މެދު މާބޮޑަށް ޖައްސާ މައްސަލައެއް ނޫން މިއީ. މިއީ ފުޓްބޯޅަ އެސޯސިއޭޝަނަށް ރައްދުވާ މައްސަލައެއް. އެއީ ކުޅިވަރާއި, އޯގަނައިޒޭޝަންތައް ހިންގަމުންދާ ގޮތާމެދު އަހަރެން ޤަބޫލުކުރާ ހަމަތަކާ އުސޫލުތަކާ ވަރަށް ދެކޮޅު ކަންކަން" އެހެންކަމުން އޭނާ ޓީމުން ވަކިވެފައިވާކަން ކަސްޓީލްސް ވަނީ ބުނެފައެވެ.
ރިއެކްޝަންސް






