އައު ޤަވާއިދުގެ ދަށުން 34 ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދީފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ އައު ޤަވާއިދުގެ ދަށުން، މިހާތަނަށް 34 ނޫސް މަޖައްލާއެއް ރަސްމީކޮށް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
މީގެކުރިން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބަލަހައްޓަމުން އައި ނޫސްމަޖައްލާތަކުގެ ދަފްތަރު ބެލެހެއްޓުމާއި ރަޖިސްޓްރީ ކުރުމުގެ މަސްއޫލިއްޔަތު މީޑިއާ ކޮމިޝަނާ ހަވާލުވުމާ ގުޅިގެން، ރާއްޖޭގައި ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ އައު ޤަވާއިދެއް ވަނީ އެކުލަވާލައި ޢަމަލުކުރަން ފަށާފައެވެ. މި ޤަވާއިދު ބަޔާންކުރާ ގޮތުން، މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކުން ވެސް ޤަވާއިދަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީވެ، މަޢުލޫމާތުތައް އަދާހަމަކުރަން ލާޒިމުވެއެވެ.
ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވާން ގާތްވެފައިވާއިރު، މިހާތަނަށް ޖުމްލަ 140 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ އައު ކުރުމަށް އެދި ހުށަހެޅި 66 ފޯމަކާއި، އަލަށް ރަޖިސްޓްރީވުމަށް ހުށަހެޅި 67 ފޯމެކެވެ. މީގެ ތެރެއިން ޝަރުޠު ހަމަވެގެން 34 ފަރާތަކަށް މިހާރު ރަޖިސްޓްރީ ދޫކޮށްފައިވާއިރު، އެކި ސަބަބުތަކާ ހުރެ 18 ފޯމެއް ވަނީ ބާތިލުކޮށްފައެވެ.
އޮކްޓޯބަރު 27 ގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ އައު ޤަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ ފަރާތްތަކުން ވެސް މަޢުލޫމާތު ފުރިހަމަކޮށް ނަންނޯޓުކުރުމުގެ ކަންކަން ނިންމުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް





