އަދަދާ ގުޅޭ މައްސަލަ ނިމެންދެން ރައީސް އޮފީހުގެ ޕްރެސްތަކުން ފުރުސަތު ނުދޭން ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު، "އަދަދު" ނޫހަށް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. ރައީސް އޮފީހުން މި ނިންމުން ނިންމާފައިވަނީ އެ ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ފެތުރި ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީއެވެ.
މިއަދު ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިކަން ހާމަކުރައްވަމުން އެ އޮފީހުން ވިދާޅުވީ، އަދަދު ނޫހާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުން ދީފައިވާ ކަމަށެވެ. މީގެ އިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް އެ ނޫހާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ކްރިމިނަލް ކޯޓުން މޭ 10 ވަނަ ދުވަހު ކޮށްފައިވާ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" އާ އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޛާން ވަނީ ޚިލާފުވެފައެވެ. މިކަމަކީ މީޑިއާތަކުން ނަގަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ޚިލާފު ކަމެއް ކަމަށް ރައީސް އޮފީހުން ދެކެއެވެ.
މި ނިންމުން ނިންމާފައިވަނީ "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ. އެހެންކަމުން، މި މައްސަލަތައް ބަލައި ނިމެންދެން މިއަދުން ފެށިގެން އަދަދު ނޫހަށާއި އެ ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް ވަނުމުގެ ހާއްސަ ހުއްދަ ދޫނުކުރާނެ ކަމަށް އެ އޮފީހުން ވަނީ ކަނޑައަޅާފައެވެ.
މި ފިޔަވަޅަކީ މީޑިއާގެ މިނިވަންކަމުގެ ތެރެއިން ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމާއި، ކޯޓުތަކުގެ އަމުރުތަކަށް އިހުތިރާމްކުރުން ކަށަވަރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް

