ރަސްމާލެއިން އެންމެ އިންޗިއެއް ވެސް ވިއްކައެއް ނުލަން: މާލީ ވަޒީރު
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު 20 ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާ) ގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގުމަށް އެއްބަސްވެފައިވަނީ ރަސްމާލޭން ބިން ކުއްޔަށް ދީގެން ކަމަށާއި، އެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާލާފައި ނުވާނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ބޭރުގެ ފަރާތަކުން ހިންގުމަށް ހުށަހަޅާފައިވާ މިފަދަ އެންމެ ބޮޑު އިންވެސްޓްމަންޓް ރާއްޖެ އަންނަކަން އެނގުމުން، ހަގީގަތް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެގޮތުން ރަސްމާލޭގެ ބޮޑު ބައެއް ވިއްކާލި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ވަޒީރު ވަނީ ސާފު އިބާރާތުން ދޮގު ކުރައްވާފައެވެ.
މި މުއާމަލާތުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ވަރަށް ގިނަ އިންވެސްޓްމަންޓްތައް މިހާރުވެސް ހިނގަމުންދާ ގައުމެއް ކަމަށާއި، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އިންވެސްޓްމަންޓްތައް ހިންގަނީ 99 އަހަރަށް ބިން ކުއްޔަށް ދީގެން ކަމަށެވެ. އަދި އީގަލް ހިލްސްއާ އެކު ވެވުނު އެއްބަސްވުމަކީ ވެސް އެފަދަ އެއްބަސްވުމެއް ކަމަށް ފާހަގަކުރެއްވި އެވެ.
ދިވެހީންގެ ބިން ހިމާޔަތް ކުރުމާއި ދިވެހީންގެ ބިމުން އެންމެ ކައިވަތެއް ވެސް ބޭރުގެ ބަޔަކަށް ދޫކޮށް ނުލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ހާއްސަ ވައުދުފުޅުކަން ފާހަގަކުރައްވައި، ސަރުކާރުން އެ ސިޔާސަތު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.
"މިއީ ރާއްޖޭގެ އެއްވެސް ބިމެއް، އެންމެ ބިންކޮޅެއްވެސް ވިއްކާލައިގެން ހިންގާ ޕްރޮޖެކްޓެއް ނޫން،" ވަޒީރު ވިދާޅުވި އެވެ. މީގެއިތުރުން، މި ބިޔަ މަޝްރޫއުގެ ހަގީގީ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހީންނަށް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރަސްމާލޭގައި ފުރިހަމަ ޝަހަރެއް ބިނާވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އީގަލް ހިލްސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ޖުމްލަ އަގު 20 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ އެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ. އެގޮތުން:
ރާއްޖޭގައި 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އަލަށް އުފެދިގެންދާނެ އެވެ.
މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
މުޅި މަޝްރޫއުގެ މުއްދަތުގައި 30 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ރާއްޖޭގެ އިގްތިސާދަށް ވަންނާނެ އެވެ.
މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ގައުމަށް އިންގިލާބީ ބޮޑު ތަރައްގީއެއް ގެނެސްދޭނެ ތާރީޚީ މުހިންމު މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.
ރިއެކްޝަންސް

