ރަސްމާލެ މަޝްރޫއު ދެ މަސް ތެރޭގައި، ހުޅުމާލޭގެ 5،000 ފްލެޓުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ރަސްމާލެ މަޝްރޫއު ދެ މަސް ތެރޭގައި، ހުޅުމާލޭގެ 5،000 ފްލެޓުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

3 hours ago - 08:37
Advertisement
Advertisement

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު "އީގަލް ހިލްސް" އިން ރަސްމާލޭގައި ހިންގާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފަށައި، އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 5،000 ފްލެޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.


ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، އީގަލް ހިލްސްގެ ޚަރަދުގައި ހުޅުމާލޭގައި 5،000 ފްލެޓު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ހައުސިން ޔުނިޓުތައް އެޅުމަށް އެ ކުންފުނިން 500 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެ ކަމަށާއި، އޭގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ވެސް އެ ކުންފުނިން ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.


ވަޒީރު ޒަރީރު ވިދާޅުވި ގޮތުގައި، ހައުސިން މަޝްރޫއުގެ މަސައްކަތްތައް ފެށި، 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެ 5،000 ޔުނިޓުގެ ޑިވެލޮޕްމަންޓް މަސައްކަތްތައް ބާރަށް ކުރިއަށްދާނެ އެވެ.


މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ލަގްޒަރީ ރިސޯޓުތަކާއި، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ ޒަމާނީ މެރީނާއަކާއި ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ވެލްނެސް ސެންޓަރުތައް ހިމެނެއެވެ.

މި ބިޔަ އިންވެސްޓްމަންޓުގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ވަންނާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ. ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެއިން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ރަށުގެ މާސްޓަޕްލޭން އެކުލަވާލާފައިވަނީ 65،000 ހައުސިން ޔުނިޓް ގާއިމުކުރެވޭ ގޮތަށެވެ. މިއީ މާލެ ސަރަހައްދުގެ ތޮއްޖެހުން ހައްލުކޮށް، ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.


މި މަޝްރޫއާ ހަވާލުވި އީގަލް ހިލްސް ކުންފުންޏަކީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއު އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް ތަރައްގީކުރުމުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުންފުންޏެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement