މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު އަނަސް އައްޔަންކޮށްފި

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު އަނަސް އައްޔަންކޮށްފި

1 hour ago - 08:37

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަޤާމަށް، ގއ. ދެއްވަދޫ، ދޭލިޔާގެ، މުޙައްމަދު އަނަސް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރެއްވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުގެ ދަށުން، މި މުހިންމު މަޤާމަށް އަނަސް އައްޔަނުކުރީ މިއަދުއެވެ.

މުޙައްމަދު އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކުގެ އިތުރުން މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. މިފްކޯގެ އެމްޑީގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އޭނާ ވަނީ ޕީސީބީގެ ރައީސްގެ މަޤާމު ފުރުއްވާފައެވެ. އެ މަޤާމުގައި ހުންނެވިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓަރކުރުމުގެ އިސް ޒިންމާތައް އޭނާ އުފުއްލެވިއެވެ.

މީގެ އިތުރުން އަނަސް ވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނަވައި، އެ ވުޒާރާގެ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އިސްކޮށް ހިންގަވާފައެވެ. އެ މުއްދަތުގައި ޤައުމީ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، ރިސްކް މެނޭޖްމަންޓް އޮނިގަނޑުތައް އެކުލަވައިލުމުގެ އިތުރުން، ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.

ކޯޕަރޭޓް ދާއިރާގައި އަނަސް ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުގެ މަޤާމު ފުރުއްވާފައެވެ. އަދި ތަޢުލީމީ ދާއިރާގައި މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، އަނަސް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝަޔަރއިން އެކައުންޓިންގ ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރ އޮފް އާޓްސް ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ ބައިނަލްއަޤުވާމީ އިދާރާތަކުން ހިންގި އިޤްތިސާދީ އަދި މާލީ ދާއިރާގެ ގިނަ ތަމްރީނުތަކެއް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.


މިފްކޯގެ ހިންގުން ހަރުދަނާކޮށް، މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭ މި ދަނޑިވަޅުގައި، މާލީ އަދި ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރަކު އެ ކުންފުނީގެ އެންމެ އިސް މަޤާމަށް އައްޔަނުކުރުމަކީ ކުންފުނީގެ ކުރިމަގަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow