މާލެ ސިޓީ ކައުންސިލުގެ 14 ބިމެއް ސަރުކާރުން ނަގާތީ ކޯޓަށް ދާން ނިންމައިފި
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ރޭ ނިންމައިފިއެވެ.
މި މައްސަލައިގައި ޝަރުޢީ މަރުޙަލާއަށް ދިޔުމަށް ފާސްކުރީ ރޭ ބޭއްވި ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއްގައެވެ. މި ޖަލްސާގައި ވާހަކަދެއްކެވި ކައުންސިލް މެންބަރުން ވަނީ ސަރުކާރުގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބިންތައް އަތުލުމަކީ ޤާނޫނުން ބާރުދީފައިވާ ލާމަރުކަޒީ ނިޒާމު ގަސްތުގައި ފުނޑާލުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއްގެ ގޮތުގައި މެންބަރުން ސިފަކުރެއްވިއެވެ. އަދި މިއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓާ ހަމައަށް ގެންދަންޖެހޭ ކަމެއް ކަމަށް ވެސް ކައުންސިލަރުން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ސަރުކާރުން ނަގަން އުޅޭ ބިންތަކަކީ ކައުންސިލަށް ސީދާ ގޮތުން އާމްދަނީ ލިބެމުންދާ މުހިންމު ވަސީލަތްތަކެއް ކަމަށެވެ. އެހެންކަމުން، މި ބިންތައް ކައުންސިލްގެ އަތުން ބީވެގެން ދިޔުމަކީ ކުރިއަށް އޮތް ތަނުގައި މާލޭގެ ރައްޔިތުންނަށް ކައުންސިލުން ފޯރުކޮށްދެމުންދާ އަސާސީ ޚިދުމަތްތައް ދިނުމަށް ބޮޑެތި ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓްރީން މި ބިންތައް ނެގުމަށް އިޢުލާނުކުރިއިރު ޤާނޫނީ އިޖުރާއާތުތަކަށް ފުރިހަމައަށް އަމަލުކޮށްފައި ނުވާކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެގޮތުން، މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ކައުންސިލުގެ އެއްވެސް މަޝްވަރާއެއް ނުވަތަ ބަހެއް ހޯދާފައި ނުވާ ކަމަށާއި، މިފަދަ ކަންކަމުގައި ޚިޔާލު ހުށަހެޅުމަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ 14 ދުވަހުގެ މުއްދަތު ވެސް ސަރުކާރުން ދީފައިނުވާ ކަމަށް ކައުންސިލް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ކައުންސިލުން ނިންމާފައިވަނީ މާލޭގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށްޓަކައި މި މައްސަލައިގައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ލަސްނުކޮށް އަޅަމުން ގެންދިއުމަށެވެ.
ރިއެކްޝަންސް

