ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ޕީއެންސީން މަރުޙަބާ ކިޔައިފި

ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ޕީއެންސީން މަރުޙަބާ ކިޔައިފި

1 hour ago - 07:42

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެނައި ހަ ވަނަ އިޞްލާޙު ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުޙަބާ ކިޔައިފިއެވެ.


މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ މި ނިންމެވުމަކީ ރާއްޖޭގެ ސިޔާސީ ނިޒާމު ހަރުދަނާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ޙުކުމުގައި، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކާއި، ރާއްޖެފަދަ ރިޔާސީ ނިޒާމުތަކުގައިވެސް ޢަމަލުކުރާ، ބަލައިގަނެވިފައިވާ އުޞޫލެއްކަން ފާހަގަކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރިއެވެ.


ކޮންގްރެސް ޕާޓީގެ ބަޔާނުގައިވާ ގޮތުން، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމަކީ މަޖިލީހުގެ އިސްތިޤުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ވަރުގަދަކޮށްދޭނެ ކަމެކެވެ. އަދި މި އިޞްލާޙުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް އުނިކަން ނުލިބޭނެ ކަމަށާއި، މިއީ މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލު ރައްކާތެރިކޮށްދޭނެ ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން އެ ޕާޓީން ފާހަގަކުރިއެވެ.


ޕީއެންސީން އިތުރަށް ބުނީ، ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި އިޞްލާޙު ހުށަހެޅީ ހެޔޮ ނިޔަތެއްގައި ކަމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ސިޔާސީ މައިދާނުގައި ހުރި ނޭދެވޭ ކަންކަން ނައްތާލައި، ކޮރަޕްޝަނާއި ފަސާދައިން މަޖިލިސް ސަލާމަތްކޮށް، މެންބަރުންގެ ނަޒާހަތްތެރިކަން އިތުރުކުރުން ކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި އުނިކަންކަން އިޞްލާޙުކޮށް، ހަމަޖެހުމާއި ތަރައްޤީއަށް މަގުފަހިކޮށްދިނުން ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ޕާޓީން ޢަމަލުކުރަމުންދާނީ ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށް ކަމުގެ ޔަޤީންކަން ޕީއެންސީން ވަނީ ދީފައެވެ. މި އިޞްލާޙަކީ ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިއްމު ބަދަލެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow