ބިންވެރިޔާ ސްކީމަށް 3 ވަނަ ކެޓަގަރީއެއް އިތުރުކޮށް، ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބިންވެރިޔާ ސްކީމަށް 3 ވަނަ ކެޓަގަރީއެއް އިތުރުކޮށް، ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

1 hour ago - 08:00
Advertisement
Advertisement

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު "ބިންވެރިޔާ" ސްކީމަށް ޚާއްޞަ 3 ވަނަ ކެޓަގަރީއެއް އިތުރުކޮށް، އެ ކެޓަގަރީގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.


ބިންވެރިޔާ ސްކީމާ ގުޅޭ އުސޫލަށް އިސްލާހު ގެނެސް ސަރުކާރުން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އަލަށް އިތުރުކުރި ކެޓެގަރީ 3ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ:

  • ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ ފަރާތްތައް.
  • ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށްލުމަށްފަހު، ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތައް.

މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 31 މޭއި 2026ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 23:59 އެވެ.


ބިންވެރިޔާ ސްކީމްގެ ދަށުން މިހާރު ކަނޑައަޅާފައިވާ ޚާއްސަ ކެޓެގަރީތަކަކީ:

  • ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން.
  • ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު މީހުން.
  • ކެޓަގަރީ 3: ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށް ފްލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކާއި، ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި ފަރާތްތައް.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފަހު މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި ފޯމު ހުށަހެޅުމަށް މިއަހަރުގެ ޖެނުއަރީ މަހު ހުޅުވާލިއިރު، ސަރުކާރުގެ އަމާޒަކީ 15,000 ގޯއްޗާއި 7,900 ފްލެޓް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި ސްކީމަށް އައު ކެޓަގަރީއެއް އިތުރުކުރަން ނިންމީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރައްވައި ކުރިއަށްގެންދެވި މަޝްވަރާތަކުގައި އާއްމުން ހުށަހެޅި ޚިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement