ށ. ފުނަދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ގާއިމުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ށ. ފުނަދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ގާއިމުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

1 hour ago - 11:17
Advertisement
Advertisement

ށ. ފުނަދޫގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ "އިސްރަށްވެހިންގެ ހިޔާވަހި" ބިނާކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.


މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއީލް އަލީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރު އަހްމަދު މުބީންއެވެ.


ޖުމްލަ 37.46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 360 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ފުނަދޫގައި 40 މީހުންގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެއެވެ. މި އިމާރާތުގައި ސިއްހީ ހިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހެއްގެ އިތުރުން ޒަރޫރީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ ރިކްރިއޭޝަން ހަރަކާތްތަކަށް ހާއްސަ ސަރަހައްދެއްވެސް މި މަރުކަޒުގައި ހިމެނެއެވެ.


"އިސްރަށްވެހިންގެ ހިޔާވަހި" އަކީ އާއިލީ އެހީތެރިކަމާއި އަޅާލުން ލިބުމުގައި ދަތިތަކެއް ހުރެގެން، ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރި އަދި ހިތްހަމަޖެހޭ މާހައުލެއްގައި އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.


ދޮށީ އުމުރުގެ މީހުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން، ދާދިފަހުން އައްޑޫ ސިޓީ ފޭދޫގައިވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މިފަދަ ހިޔާވައްސެއް ބިނާކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.


މަޝްރޫއުތަކުގެ އިތުރުން، ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement