ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

5 hours ago - 19:53
Advertisement
Advertisement

ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން އެވެ.

މި ރަސްމިއްޔާތާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފުވައްމުލައް ސިޓީގައި މި މަރުކަޒު ހުޅުވުމާއެކު އެ ސިޓީގައި ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ޤުރުއާން މުދައްރިސުންގެ އަދަދުވެސް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.


ފުވައްމުލައް ސިޓީގެ ދީނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، އެ ސިޓީގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ޑިޒައިން މަސައްކަތް ނިމި، އޭގެ ކޮންސެޕްޓަށް ކައުންސިލްގެ ބަހެއް ހޯދުމަށް މިހާރު ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމުމުން، ޤުރުއާނާ ބެހޭ މަރުކަޒު އެ ބިނާއަށް ބަދަލުކުރެވޭނެއެވެ. އަދި މިހާރު ހުޅުވި ޤުރުއާނާ ބެހޭ މަރުކަޒުގެ އިމާރާތް ބަދަލުވެގެންދާނީ "ވަޤުފު" ބިނާއަކަށް ކަމަށާއި، އެތަނުން ލިބޭ އާމްދަނީ ޚަރަދުކުރާނީ ފުވައްމުލައް ސިޓީގެ ދީނީ އެކި ކަންކަމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


މިއަދު ހުޅުވުނު ފުވައްމުލައް ޤުރުއާނާ ބެހޭ މަރުކަޒަކީ ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެވޭނެ ފަދަ ވަޞީލަތްތަކާއެކު ގާއިމުކޮށްފައިވާ ތަނެކެވެ. އެގޮތުން މި މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކުރާނެ ޚާއްޞަ ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ކުރާނެ ރޫމެއްގެ އިތުރުން އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި މީޓިންގ ރޫމެއް ހިމެނެއެވެ.


ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 16 ޤުރުއާން މަރުކަޒެއްގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement