ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ-ކަލައިދޫގައި ތަރައްގީކުރަން ސަރުކާރުން ނިންމައިފި

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ-ކަލައިދޫގައި ތަރައްގީކުރަން ސަރުކާރުން ނިންމައިފި

1 hour ago - 07:15
Advertisement
Advertisement

ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ ވައިގެ ބަނދަރު، އެ އަތޮޅު އިސްދޫ-ކަލައިދޫގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމަވައި އެކަން ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.


މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލ. އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނީ، އިސްދޫ-ކަލައިދޫގައި އެއާޕޯޓެއް އެޅުމަށް ނިންމެވީ އެ ސަރަހައްދުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށާއި، އިޤްތިޞާދީ ގޮތުން އެ ސަރަހައްދު ކުރިއެރުވުމަށް ކަމަށެވެ.


މި މަޝްރޫޢުގެ ސަބަބުން ލ. އަތޮޅުގެ އުތުރު ބިތުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، މިހާރު އެ ސަރަހައްދުގެ މީހުން ކައްދޫ އެއާޕޯޓަށް ދިއުމަށް ކުރަންޖެހޭ 45 މިނެޓުގެ ދިގު ކަނޑު ދަތުރަށް މި މަޝްރޫޢާއެކު ނިމުމެއް އަންނާނެ ކަމަށް ހައުސިންގް މިނިސްޓްރީން ފާހަގަކުރެއެވެ.


އިސްދޫ-ކަލައިދޫއަކީ ބިމުގެ ގޮތުން ތަނަވަސް، އަދި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްޤީގެ ފުރުޞަތުތައް ފަހިވެފައިވާ ރަށެކެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ގުދުރަތީ ރީތިކަމުގެ ސަބަބުން، ކުރިމަގުގައި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކޮށް، ގިނަ ރިސޯޓްތަކެއް ތަރައްޤީކުރުމަށްވެސް މި އެއާޕޯޓުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.


ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަމާއި، އެ މަޝްރޫޢު ކުރިއަށްގެންދަވާނީ އިޤްތިޞާދީ ގޮތުން އެންމެ ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް ރައީސް ޑރ. މުޢިއްޒު ހާމަކުރެއްވީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައެވެ.


ގުދުރަތީ ގޮތުން މުއްސަނދި އަދި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ލ. އަތޮޅުގައި މިހާރު އޮޕަރޭޓް ކުރަމުންދަނީ ހަމައެކަނި ކައްދޫ އެއާޕޯޓެވެ. ނަމަވެސް، އިސްދޫ-ކަލައިދޫގައި ތަރައްޤީކުރާ އާ އެއާޕޯޓާއެކު އެ އަތޮޅުގެ އިޤްތިޞާދީ މޫނުމަތި ބަދަލުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement