ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރާނެ ކައުންސިލެއް ފުވައްމުލައް ސިޓީގައި އޮތުން މުހިއްމު: ޢަބްދުﷲ ރާޒީ
ފުވައްމުލައް ސިޓީގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ގަބޫލުކުރާ ކައުންސިލެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ފުވައްމުލައް ސިޓީ، ފުނާޑު ކައުންސިލްގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަބްދުﷲ ރާޒީ ވިދާޅުވެއްޖެއެވެ.
އެމް.އެމް.ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރާޒީ ވިދާޅުވީ، ކައުންސިލެއްގެ ތެރޭގައި މަސައްކަތް ކުރާއިރު އެދެވޭ ނަތީޖާއެއް ނެރެވޭނީ، މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ވިސްނުމާއި ފިކުރު އެއްގޮތްވެގެންނެވެ. ސަރުކާރާއި ކައުންސިލާ ދެމެދު އޮންނަ ގުޅުމަކީ ރަށުގެ ތަރައްގީއާ ސީދާ ގުޅިފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކައުންސިލެއްގައި ނުވަތަ ބަޔަކާ ގުޅިގެން މަސައްކަތް ކުރާއިރު، މިޒާޖާއި ވިސްނުން އެއްގޮތްވެގެން މެނުވީ އެދެވޭ ނަތީޖާއެއް ނުނެރެވޭނެ. ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު، ވިސްނުން ތަފާތު ބަޔަކު ތިބެގެން މަސައްކަތް ކުރަން އުޅުމަކީ އޭގެ ސަބަބުން ކުރިއެރުމަށް ހުރަސް އެޅޭނެ ކަމެއް،" ރާޒީ ވިދާޅުވިއެވެ.
ރާޒީ އިތުރަށް ފާހަގަކުރެއްވިގޮތުގައި، ސަރުކާރުގެ މެނިފެސްޓޯއަށް ތާއީދުކުރާ ކައުންސިލެއް އޮތުމުގެ އެންމެ ބޮޑު ފައިދާއަކީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަގުފަހިވުމެވެ. ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާނެ ބަޔަކު ކައުންސިލުގައި ތިބުމުން ފުވައްމުލައް ސިޓީއަށް ގެންނަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އޭގެ އިދިކޮޅަށް، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ފިކުރެއްގެ ބަޔަކު ކައުންސިލުގައި ތިބެއްޖެނަމަ، އެކަމުގެ ސަބަބުން ތަރައްގީގެ ދުވެލި މަޑުޖެހި، ރައްޔިތުންނަށް ލިބެންޖެހޭ ތަރައްގީގެ މަޝްރޫޢުތަކަށް ހުރަސްއެޅިގެންދާނެ ކަމަށްވެސް ރާޒީ ވިދާޅުވިއެވެ.
"އިދިކޮޅު ފިކުރުގެ ބަޔަކު ކައުންސިލުގައި ތިބޭނަމަ، އެމީހުންގެ އަމާޒަކަށް ވާނީ ސަރުކާރުން ކުރާ ކަންކަމުގައި ދަތިތައް ކުރިމަތިކުރުވުން. މީގެ ސަބަބުން ސީދާ ގެއްލުން ލިބޭނީ ރަށުގެ ރައްޔިތުންނަށް،" އޭނާ ވިދާޅުވިއެވެ.
މި ސަބަބުތަކަށްޓަކައި، ފުވައްމުލަކު ސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރާޒީ ފާހަގަކުރެއްވިއެވެ. އަދި ފުނާޑު ދާއިރާގެ ތަރައްގީއަށްޓަކައި، ސަރުކާރުގެ ސިޔާސަތުތައް ދަންނަ، އެކަންކަން ތަންފީޒުކުރުމުގެ ރޫހު ހުރި ކެންޑިޑޭޓެއްގެ ގޮތުގައި އޭނާއަށް ވޯޓު ދެއްވުމަށް ރާޒީ ވަނީ އެދިވަޑައިގެންފައެވެ.
ފުވައްމުލަކު ސިޓީ، ފުނާޑު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ޢަބްދުﷲ ރާޒީގެ ކެންޑިޑޭޓް ނަންބަރަކީ 4 އެވެ. ރަށުގެ ތަރައްގީގެ ދުވެލި ހަލުވިކޮށް، ސަރުކާރާއެކު އަތްގުޅާލައިގެން މަސައްކަތްކުރުމަށްޓަކައި އޭނާއަށް ވޯޓު ދިނުމަކީ ރަށުގެ މުސްތަގުބަލަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރިއެކްޝަންސް



