
ލިވަޕޫލްގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ!
އެންފީލްޑްގައި ތިބި ސަޕޯޓަރުންނަށް އާދަޔާޚިލާފް ތަޖުރިބާތަކަކަށް އެބަ ފުރުޞަތު ހުޅުވުގެންދޭ
ލިވަޕޫލްގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސާ, އެކަން އިއުލާނުކޮށްފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކީ 'ވިޒިޓް މޯލްޑިވްސް' ކަން އެކްލަބްގެ ރަސްމީ އެކަންއުންޓްތަކުންނާއި, ވިޒިޓް މޯލްޑިވްސްގެ ރަސްމީ އެކައުންޓުންވެސް ވަނީ އިއުލާނުކޮށްފައެވެ.
މިއެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ އަންހެން އަދި ފިރިހެން ފިރިހެން ޓީމްވެސް ދުނިޔޭގެ ފެންވަރުގެ ޑެސްޓިނޭޝަނެއްގެ ގޮތުގައި އެކިކަހަލަ ހަރަކާތްތަކާއި ރާއްޖޭގެ އާޘާރު ފެންނަ ހިތްގައިމު ސަރަޙައްދުތައް ދުނިޔެއަށް ދައްކާލާނެއެވެ.
"މި ވަރުގަދަ ދެ ބްރޭންޑް ގުޅިގެން ދިއުމުން އެންފީލްޑްގައި ތިބި އަހަރެމެންގެ ސަޕޯޓަރުންނަށް އަދި 'ސަނީ ސައިޑް އޮފް މޯލްޑިވްސް' ގެ ހިތްގައިމު މާހައުލު ތަޖުރިބާކުރާ ފަރާތްތަކަށް ވެސް އާދަޔާޚިލާފް ތަޖުރިބާތަކަކަށް އެބަ ފުރުޞަތު ހުޅުވުގެންދޭ. ދިވެހިރާއްޖެއަކީ ފާއިތުވި ފަސް އަހަރު ވިދިވިދިގެން މުޅި ދުނިޔޭގެ އެންމެ މަޤްބޫލް މަންޒިލްގެ ޝަރަފް ހޯދާފައިވާ ފަރާތް" ކްލަބްގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.
ލިވަޕޫލްގެ ވެބްސައިޓްގައި ވާގޮތުން މި ޕާޓްނަރޝިޕް ލޯންޗުކުރުން ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރާކާތްކުގެ ތެރޭގައި ގުރުއަތުން ހޮވޭ ލިވަޕޫލްގެ ފޭނަކަށް ދިވެހިރާއްޖޭގައި ފަސް ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުޞަތުލިބިގެންދާނެއެވެ. އެއީ ދެކޮޅު ޓިކެޓްވެސް ހިމެނޭ ކޮމްޕިލިމެންޓަރީ ޕެކޭޖެކެވެ.
ޕާޓްނަރޝިޕްގެ މުއްދަތުގެ ތެރޭގައި ފޭނުންނަށް ދިވެހިރާއްޖެއާ ބެހޭ ޙާއްސަ ކޮންޓެންޓްތަކާއި, ޙާއްސަ ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ފާއިތިވި އަހަރު ދިވެހިރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 'ވިޒިޓް މޯލްޑިވްސް' ގެ ބެނާގެ ދަށުން ރާއްޖޭގެ މިއަހަރުގެ އަމާޒަށް ވާސިލްވުމަށް 200 މިލިއަން ފޮލޯވާސް ތިބި ލިވަޕޫލްގެ މީސްމީޑިއާގެ މަންސަތަކުގައި ރާއްޖެ އިޝްތިހާރު ކުރެވިގެންދާނެއެވެ. ފާއިތުވި ސީޒަނުގައި އެކަނިވެސް ލިވަޕޫލްގެ އެކައުންޓްތަކަށް 12 ބިލިއަން ވިއުސް ލިބިފައިވެއެވެ. އަދި 1-5 ބިލިއަން އެންގޭޖްމަންޓް ލިބިފައިވެއެވެ.
ލިވަޕޫލްގެ މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރެވިގެންދާނީ ރާއްޖޭގެ ޙާއްސަ ތިމާވެއްޓާއި މޫދުގެ ދިރުންތަކަށާއި, ރާއްޖޭގެ ނާޒުކުވެއްޓަށްވެސް ހޭލުންތެރިކުރުވާ ހަރަކާތެއްގެ ގޮތުގައެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އެކު ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ނޭދެވޭ ގެއްލުން ތަހައްމަލްކުރާ ތިރި ޖަޒީރާ ރަށްތަކުގެ ވާހަކަވެސް ހިމައިގެންނެވެ.
"އަހަރެމެން (ލިވަޕޫލްގެ އާއިލާއިން) މިތިބީ ލިވަޕޫލްގެ ރަސްމި މަންޒިލްގެ ވިޒިޓް މޯލްޑިވްސް ކެމްޕެއިނަށް މަރުޙަބާކިޔަން ވަރަށް އެކްސައިޓްވެފަ. ދެފަރާތް ގުޅިގެން މީއިން މާނަފުން އަދި ހަނދާނުން ނުފިލާނެ ތަޖުރިބާތަކެއް ކުރެވޭނެކަން ޔަޤީން" ލިވަޕޫލްގެ ޗީޕް ކޮމާޝިއަލް އޮފިސަރ ބެން ލެޓީ ބުނެފައި ވެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ ލިވަޕޫލް ފަދަ ދުނިޔޭގެ އެންމެ މޮޅު އެއް ކްލަބާއެކު މިވެވުނު އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިން އިތުރަށް ކުރިއަރާ ދެމެހެއްޓެނިވި މުޞްތަޤުބަލަކަށް މަގުފަހިވެގެން ދާނެއެވެ. އަދި މިއީ ދވެހި ރާއްޖޭގެ ފަތުރުވެރި ކަމުގެ ޙަޔާތުގައި ވަރަށް ފަޙުރުވެރި ވަގުތުކޮޅެއްކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
"ގުޅިގެން ރާއްޖޭގެ މި ޖާދުވީ މާހާއުލުގެ އަސަރު ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ފޭނުންނާ ޙިއްސާކުރެވޭނެ" ޝިއުރީ ވިދާޅުވިއެވެ.
ރިއެކްޝަންސް






