ގިނަ މޫދުގެ ހަރަކާތްތަކާއެކު "އަވަށްޓެރި މޫދު މަހާސަމާ'' ކުރިއަށް ގެންގޮސްފި
ތަފާތު ގިނަ ހަރަކާތްތަކާއެކު ފުލުހުން އިންތިޒާމުކޮށްގެން ބޭއްވި "އަވަށްޓެރި މޫދު މަހާސަމާ" ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފިއެވެ.
މެއި 16 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ހަވީރު 16:30 އަށް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ އަކުއަރ އެެރީނާ ވޯޓަރ ޕާކުގައެވެ. މިއީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި، ހުޅުމާލެ ފުލުހުންގެ އިތުރުން ފުލުހުންގެ އެކި ޑިޕާޓްމަންޓުތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި މަހާސަމާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވެ، ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފުލުހުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އެގޮތުން މުޖުތަމައުގައި ހިނގާ ކުށްތަކާއި ނޭދެވޭ ކަންކަމާ ގުޅޭގޮތުން އެކުވެރި މާހައުލެއްގައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފުލުހުންނަކީ ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ، އޯގާތެރި ބައެއްކަން އުފާވެރި މާހައުލެއްގެ ތެރެއިން އެ ކުދިންނަށް އަންގައިދީފައިވެއެވެ.
މި ހަރަކާތުގެ ތެރޭގައި ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭނެ ފަދަ މޫދާއި އެއްގަމުގެ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ ގޮތްތަކާ ގުޅޭގޮތުން ކުޑަކުދިން ހޭލުންތެރިކުރުވުމުގެ މައުލޫމާތު ވެސް ވަނީ ދީފައެވެ.
ހަރަކާތުގެ ތެރެއިން ގުރުއަތުން ހޮވުނު ކުދިންނަށް ގިފްޓް ވައުޗަރ ހަވާލުކޮށްފައިވާއިރު، މި މަހާސަމާ ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ ދީފައެވެ. މި ހަރަކާތަށް އަކުއަރ އެރީނާ، އެޗްޑީސީ، އެސްޓީއޯ އަދި ވޯޓަރ ސްޕޯޓްސްގެ އެކި ސެންޓަރުތަކުގެ އިތުރުން ގިނަ އަމިއްލަ ކުންފުނިތަކަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ހަރަކާތަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މީގެ ސަބަބުން ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ރިއެކްޝަންސް





