ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރުގެ މެންބަރުން ހުވާކޮށް، މަސައްކަތް ރަސްމީކޮށް ފަށައިފި

ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރުގެ މެންބަރުން ހުވާކޮށް، މަސައްކަތް ރަސްމީކޮށް ފަށައިފި

2 hours ago - 12:30
May 17, 2026 - 12:30

ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުން މަޤާމުގެ ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް މިއަދު މުޅި ރާއްޖޭގައި ބާއްވަން ފަށައިފިއެވެ.


ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކާ ގުޅިގެން އިންތިޒާމުކުރި މި ރަސްމިއްޔާތުތައް ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. ބައެއް ސިޓީތަކާއި ރަށްރަށުގައި ހުވާކުރުމުގެ ރަސްމިއްޔާތުތައް މިއަދުގެ އެކި ގަޑިތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ރަށްރަށުގައި ބޭއްވި މި ރަސްމިއްޔާތުތަކުގައި ކައުންސިލަރުންނަށް ހުވާލައިދެއްވީ އެ ރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ. މިގޮތުން ރާއްޖޭގެ 5 ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށްދާނެއެވެ.


އެލްޖީއޭއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު، ހުވާކުރުމާ ހަމައަށް 677 ކައުންސިލަރުން ވަނީ އިންތިޚާބުކޮށްފައެވެ. އޭގެ ތެރެއިން 676 ކައުންސިލަރުން މިއަދު ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ. މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖައްސާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ބަލާއިރު، 678 މެންބަރުން އިންތިޚާބު ކުރަންޖެހޭއިރު 673 މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މީގެ ތެރެއިން 662 މެންބަރުން މިއަދު ވަނީ އިޤްރާރުގައި ސޮއިކުރައްވާފައެވެ.


އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރައްވައި އިޤްރާރުގައި ސޮއިކުރެއްވުމަށްފަހު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާނެއެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުންނާއި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމައެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމްކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.


މިއަދު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރަކީ 5 އަހަރު ދުވަހެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ މި މަސައްކަތުގެ މުހިންމު މަޤްޞަދެއް ކަމަށް އެލްޖީއޭއިން ފާހަގަކުރެއެވެ. ރާއްޖޭގައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަރުން ހުވާކޮށްފައިވަނީ 26 ފެބުރުއަރީ 2011 ގައެވެ. އޭގެ ފަހުން ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކުރާ ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow