ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް އިންޑިއާ ދެ އަންހެނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ދެ އަންހެނުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ޖެނިފާ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލްއެވެ. މި ދެ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
ކަސްޓަމްސްއިން މި ދެ މީހުން އަތުލައިގަތީ ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކުގައެވެ. ކޯޓު އަމުރުގައިވާ ގޮތުން، މި ތަކެތި ފެނިފައިވަނީ އެމީހުންގެ އަތުން ފެނުނު ކޮސްމެޓިކްސް ދެ ފުޅިއެއްގެ ތެރެއިންނެވެ. ކަސްޓަމްސްއިން މި މީހުން އަތުލައިގަތުމަށްފަހު، މިހާރު ވަނީ ފުލުހުންގެ ބަލިދަށަށް ބަދަލުކޮށްފައެވެ.
މި މައްސަލައިގައި ފުރަތަމަ ފަހަރު މި ދެ މީހުންގެ ބަންަދަށް 15 ދުވަސް ޖެހުމަށް ފަހު، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މިއަދު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، އެ ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަސް ވަނީ އިތުރުކޮށްފައެވެ.
ފަހަކަށް އައިސް އިންޑިއާއިން ރާއްޖެ އަންނަ މީހުންގެ އަތުން މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





