އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި
ޔަހޫދީ ދައުލަތުން ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓާއި ދެކޮޅު ހަދަމުންދާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މާދަމާ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކޮށް، އެ ރައްޔިތުންގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް، ސަޢޫދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ޚާއްޞަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަހަރުގެ ބައްދަލުވުމުގައިވެސް ރާއްޖެއިން ފަލަސްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ފާޅުގައި ވަކާލާތު ކުރައްވާނެ ކަމަށާއި، ޔަހޫދީން ހިންގާ ޖަރީމާތައް ކުށްވެރިކޮށް އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބާރުއަޅުއްވާނެ ކަމަށެވެ.
އޯއައިސީގެ މިފަހަރު ބައްދަލުވުމުގައި، ފަލަސްޠީނުގެ މައްސަލައިގެ އިތުރުން އެ ޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލް އައްޔަން ކުރުމުގެ ކަންކަންވެސް ކުރުމަށް، ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ތެރެއިން އެކުވެރި ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުވެ، މަޝްވަރާތައް ކުރިއަށްދާނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް





