ބަޖެޓް ފޮތް ނުލިބުމުގެ ކަންބޮޑުވުން އެމްޑީޕީގެ މެމްބަރުން ފާޅުކޮށްފި
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅިއިރު ބަޖެޓް ފޮތް ލިބިފައި ނުވާތީ އެމްޑީޕީގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އޭނާ މަޖިލިހުގައި ހޭދަކުރައްވާ ދިގު މުއްދަތުގައި ބަޖެޓް ފޮތް ނުލިބި ބަޖެޓެއް ހުށަހެޅި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. މިއީ އޭނާ ރައްޔިތުންގެ މަޖިލިހުގައި ހޭދަކުރައްވާ 4 ވަނަ ދައުރެވެ.
މެމްބަރު ޣަފޫރު ވިދާޅުވީ ވަރަށް ގިނަ މައުލޫމާތު ބަޖެޓް ފޮތުގައި ހުންނާނެ ކަމަށާއި, ބަޖެޓް ދިރާސާކުރުމުގައިވެސް ބަޖެޓް ފޮތް މުހިއްމު ކަމަށެވެ. ވަކިވަކި މެމްބަރުން އެބޭފުޅުންގެ ދާއިރާތަކަށް ބަޖެޓް ކަނޑައަޅާފައި ހުރިގޮތާ މެދުވެސް އެއްވެސް އެއްޗެއް ބުނަން އިނގޭނީ ބަޖެޓްފޮތް ލިބިގެން ކަމަށް މެމްބަރު ޣަފޫރު ވިދާޅުވިއެވެ. އެކަމަކު މިއަދާ ހަމައަށްވެސް ބަޖެޓް ފޮތް ނުލިބުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.
" މިއަދާ ހަމައަށްވެސް ބަޖެޓް ފޮތެއް ނުލިބޭ. އަދިވެސް ފޮތް ނުލިބޭ އަޅުގަނޑުމެންނަކަށް." މެމްބަރު ވިދާޅުވިއެވެ.
މީގެއިތުރުން މެމްބަރު ޣަފޫރު ވިދާޅުވީ ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ ކަނޑައެޅިގެން ޤާނޫނާ ހިލާފަށް ކަމަށެވެ. ބަޖެޓް ހުށަހަޅަން ޖެހެނީ ޤާނޫނުގައިވާ ގޮތުގެ މަތީން ކަމަށާއި, ހުށަހަޅާފައި އޮތީ ޤާނޫނާ ހިލާފް ބަޖެޓެއް ކަމަށް ވިދާޅުވިއެވެ. ކައުންސިލްތަކަށް ބަޖެޓް ދޭންޖެހޭނެ މިންގަނޑު ޤާނޫނުގައި ސާފްކޮށް ކަނޑައެޅިފައި އޮތް ނަމަވެސް ކައުންސިލްތަކަށް ބަޖެޓް ހިމަނާފައި ވަނީ އެމިންގަނޑަށް ނޫންކަމަށް ޣަފޫރު ވިދާޅުވިއެވެ. މިއީ އެންމެ ކުޑަމިނުން އެންމެންނަށް ފެންނަން އޮތްކަމެއް ކަމަށާއި, ކައުންސިލްތަކުގެ ބަޖެޓުން ހުރީ %30 ހަކަށް އުނިކޮށްފައި ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ބަޖެޓް ހުށަހެޅުއްވި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޖެޓް ފާސްވާއިރު ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ކައުންސިލްތަކަށް ބަޖެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލިހަށް ވަނީ ފިނޭންސް މިނިސްޓަރ އެކަން ހައްލުކުރައްވަން އެދިވަޑައިގަންނަވާ ގޮތް ބަޔާންކޮށް ފޮނުއްވި ސިޓީ އިއްވާފައެވެ. އެސިޓީގައި އެދިވަޑައިގެންފައި ވަނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭން ޤާނޫނުން ލާޒިމް ކުރާ އަދަދު ކޮންޓިންޖެންސީ ބަޖެޓުން ހަމަޖެއްސުމަށެވެ.
އެކަމަކު މެމްބަރު ޣަފޫރު ވިދާޅުވީ އެއީ ޗޮއިސްއެއް ނޫން ކަމަށާއި, އެކަން ކުރަން ޖެހޭ ގޮތަކީ ކޮންޓިންޖެންސީއަށް ލާރި ލައިގެން, އެޖެސްޓް ކޮށްގެން ނޫން ކަމަށެވެ. ބަޖެޓް ހުށަހަޅާއިރު އޮންނަން ޖެހޭނީ ކައުންސިލަށް ޤާނޫނުގައި ބުނާ އަދަދަށް ބަޖެޓް ދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ އެއީ ސުވާލުކުރަން, މަޝްވަރާ ކުރަން އޮތްކަމެއް ނޫން ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހަސް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ އެވެ.
ރިއެކްޝަންސް