ބޮޑު ކާމިޔާބީއަކާއެކު ޓްރަމްޕް އެނބުރި ވައިޓްހައުސްއަށް
ރައީސް ޑރ.މުއިއްޒު ވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެފަ
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް ކެންޑިޑޭޓް, އަދި މިހާރުގެ ނައިބުރައީސް ކަމަލާ ހަރިސްގެ މައްޗަށް, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑު ކާމިޔާބިއެއް ހޯއްދަވައިފިއެވެ. މިއާއެކު މީގެ 4 އަހަރު ކުރިން ވައިޓްހައިސް އިން ނިކުމެވަޑައިގެންނެވި ޓްރަމްޕް އެނބުރި ވައިޓްހައުސް އަށް ވަންނަވާނީ އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައެވެ.
78 އަހަރުގެ ޓްރަމްޕް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު, އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންނާ 270 އިލްކްޓޯރަލް ކޮލާޖް ވޯޓުގެ އިތުރަށް 9 އިލެކްޓޯރަލް ކޮލާޖް ވޯޓާއެކު ޖުމްލަ 279 ޓްރަމްޕް ހޯއްދެވިއެވެ. އިދިކޮޅު ކެންޑިޑޭޓް ކަމަލާ ހަރިސް އަށް ކާމިޔާބު ކުރެއްވުނީ 223 އިލެކްޓޯރަލް ކޮލާޖް ވޯޓެވެ. ޓްރަމްޕް ވަނީ ޕޮޕިއުލާ ވޯޓުންވެސް ހަރިސްއަށް ވުރެ ކުރި ހޯއްދަވާފައެވެ. އެގޮތުން 5 މިލިއަން އާންމު ވޯޓް ހަރިސްއަށް ވުރެ އިތުރަށް ޓްރަމްޕް ހޯއްދަވާފައިވެއެވެ.
"އެމެރިކާގެ ރައްޔިތުން މީގެކުރިން ނުދޭވަރުގެ މެންޑޭޓެއް އަހަރެމެންނަށްދީފީ" ފްލޮރިޑާގެ ޕާމް ބީޗް ކައުންޓީ ކޮންވެންޝަން ސެންޓަރުގައި އޭނާގެ ސަޕޯޓަރުންނާ މުޚާތަބުކޮށް ބުދަދުވަހު ޓްރަމްޕް ވިދާޅުވިއެވެ.
އަލްމާ މަތާ ހޮވާޑް ޔުނިވަރސިޓީގައި އެއްވެފައި އޮތް ހަރިސްގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވާ އޭނާ ވާހަކަދައްކަވާފައެއް ނުވެއެވެ. ހަރިސްގެ ފަރާތުން ސަޕޯޓަރުންނާ މުޚާތަބުކޮށް ވާހަކަދެއްކެވީ އޭނާގެ ކެމްޕެއިންގެ ކޯ-ޗެއާ ސެޑްރިކް ރިޗްމޮންޑްއެވެ. އޭނާ ވިދާޅުވީ ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ހަރިސް ސަޕޯޓަރުނަނާ ބައްދަލު ކުރައްވާނެ ކަމުގައެވެ.
"އަދި ގުނަން ހުރި ވޯޓް އެބަހުރި" ރިޗްމޮންޑް ވިދާޅުވިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ޖެހިޖެހިގެން ނޫންގޮތަކަށް އެމެކާރިކާގެ ރިޔާސީ އިންތިޚާބެއްގައި ކުރީގެ ރައީސަކު ވާދަކޮށް ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރައްވާފައިވަނީ 2017 ޖެނުއަރީން 2021 ޖެނުއަރީއަށެވެ. 47 ވަނަ ރައީސްގެ މަޤާމުގެ ހުވާ ޓްރަމްޕް ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވިއިރު, ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ (ސެންޓް) އަގުލަބިއްޔަތުވެސް ޑިމޮކްޓުން ބަލިކޮށް ރިޕަބްލިކަންސް ވަނީ ނަގާފައެވެ. ހައުސް އޮފް ކޮމަންސްގެ އަގުލަބިއްޔަތު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ޓްރަމްޕްގެ ކާމިޔާބީ އާއެކު ދުނިޔޭގެ ލީޑަރުން ދަނީ އޭނާ އަށް މަރުހަބާ ވިދާޅުވަމުންނެވެ. ޔޫރަޕްގެ ގައުމުތަކުގެ ވެރިންނާއި އެމެރިކާގެ އެންމެ ބޮޑު ރަޙްމަތްތެރިޔާ އިޒްރާއިލްގެ ބޮޑުވަޒީރު ވެސް ވަނީ ޓްރަމްއަށް މަރުޙަބާ ވިދާޅުވެފައެވެ. ކުރިން ވެރިކަމުގައި ހުންނެވިއިރުން ފެށިގެން ޓްރަމްޕްއާއި ނަތަންޔާހޫގެ ރަޙްމަތްތެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަތަންޔާހޫގެ މެސެޖުގައި ޓްރަމްޕްގެ ކާމިޔާބީއަށް މަރުޚަބާ ކިޔާ އެމެރިކާ އާއި އިޒްރާއިލްގެ ގުޅުން މާ ވަރުގަދަކޮށް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގެ ރައީސުލްޖުުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ޓްރަމްޕް އިންތިޚާބު ކާމިޔާބުކުރެއްވިކަން ޔަގީންވުމާއެކު މަރުހަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއާއި އެމެރިކާގެ ގުޅުމަކީ އިހުތިރާމާއި ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށެވެ. ދެގައުމުގެ މެދުގައި އޮތް ހަރުދަނާ ގުޅުން ޓްރަމްޕްގެ ދައުރުގައި އިތުރަށް ބަދަހިވެގެން ދާނެކަމުގެ އުއްމީދު ރައީސް މުއިއްޒު ފާޅުކުރެއްވި އެވެ.
ރިއެކްޝަންސް